ޕީޕީއެމް ޕީއެންސީގެ ލީޑާޝީޕުން ތިބީ އަދިވެސް ރައީސް ޔާމީންގެ ހައްގުގައި ކަމަށާއި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކާ ދުރުގައިކަން އެނގިއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 52 މިލިއަން ރުފިޔާގެ ޖޫރިމަނާއެއްކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި އެވެ.

އެ މައްސަލައާ ގުޅިގެން ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭ ގޮތް ވަނީ ނުވެފަ އެވެ. އިންތިހާބުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުއްވުމުން އިލެކްޝަންސް ކޮމިޝަނުން އެ ފޯމު ބަލައިނުގަންނަން ނިންމި މައްސަލަ ޔާމީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. ސުޕްރީމް ކޯޓުން ވެސް ނިންމީ ރައީސް ޔާމީނަށް ވާދަނުކުރެވޭނެ ކަމަށެވެ.

އެއާއެކު އެމަނިކުފާނުގެ އެދުމުގެ މަތިން ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް ނިންމާ ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވީ ޑރ. މުއިއްޒު އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން ފަހުން ވަނީ އަންނަގަވާފަ އެވެ. އެހެން ނަމަވެސް ޕީޕީއެމް ޕީޕީއެމް ސެނެޓުން ނިންމާފައި ވަނީ އިންތިހާބުގައި ވާދަކުރުމަށެވެ. އެއާ އެކު ޕީޕީއެމްގެ ލީޑާޝިޕްގައި ހިޔާލުތަފާތުވުން އުފެދި ބައިބައިވި އެވެ.

ޕީޕީއެމްގެ ރައީސް ޔާމީނަށް ވަފާތެރި މެމްބަރުން އަދިވެސް ގެންދަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އަދި މުއިއްޒުގެ ކެމްޕެއިނަށް އެއްބާރުލުން ދެއްވާ ތަނެއް ނުފެނެ އެވެ. މުއިއްޒު އިއްޔެ ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވެސް ޕީޕީއެމް ޕީއެންސީ ލީޑާޝިޕްގެ ބޭފުޅުން ނުފެނެ އެވެ.

މުއިއްޒުގެ ކެމްޕެއިން ޓީމުތަކާ އެކު ބާއްވާ ބައްދަލުވުންތަކުން ވެސް ޕީޕީއެމް ޕީއެންސީ ލީޑާޝިޕްގެ ބޭފުޅުން އެހާބޮޑަށް އުޅޭ ތަނެއް ނުފެނެ އެވެ.

ޕީޕީއެމް ޕީއެންސީ ލީޑާޝިޕްގެ ބޭފުޅުން މުއިއްޒުގެ ކެމްޕެއިން ކަންތައްތަކުގައި ނޫޅޭކަން ޕީޕީއެމްގެ އިސްބޭފުޅަކު ވިދާޅުވި އެވެ. އަދި މުއިއްޒުއާ ދުރަށް ޖެހެންޖެހުނީ ޓިކެޓުގެ ދަހިވެތި ކަމުގައި ޕީޕީއެމް ދޫކޮށް ޕީއެންސީ އަށް ބަދަލުވުމުން ކަމަށް ވިދާޅުވި އެވެ. މުއިއްޒު ވަރަށް ބޮޑަށް ނުފޫޒު ބޭނުންކުރަމުން ގެންދާ ކަމަށް ވެސް ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ޕީޕީއެމް ޕީއެންސީ ލީޑާޝިޕް ބޭފުޅެއްގެ ރަސްމީ ބަހެއް ލިބޭގޮތެއް ނުވި އެވެ.

ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން އަދިވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރަމުންނެވެ.