އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފޯނު ކޯލު ދިނުމަށް ހުރަސް އަޅަމުންގެންދާ ކަމަށް އެމަނިކުފަނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ޔާމީނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލަ ލަސްވާތީ ޕީޕީއެމް ލީޑާޝިޕްގެ ބޭފުޅުންނާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުން މިއަދު ވަނީ ހައިކޯޓަށް ވަޑައިގެންފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 52 މިލިއަން ރުފިޔާގެ ޖޫރިމަނާކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގަ އެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

ހައިކޯޓުން ނިކުމެވަޑައިގެން ޔާމީންގެ ގާނޫނީ ވަކީލް ޑރ. ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުން އެމަނިކުފާނުގެ ކެންޑިޑަސީ މައްސަލާގައި ކުރި ހުކުމަށް ފަހު އެމަނިކުފާނަށް ޖަލުގައި ފިއްތުންތައް ކުރިމަތިކުރަމުން ގެންދާ ކަމަށެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވުމުން ޕީއެންސީން ކެންޑިޑޭޓެއް ނެރުމަށް ރައީސް ޔާމީން ވަނީ އަންގަވާފައެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު އިންތިހާބު ބޮއިކޮޓް ކުރުމަށް ވިދާޅުވި އެވެ. އާއިލާ އަށް ގުޅުމަށް ލިބޭ ފޯނު ކޯލްތަކުގައި އަނބިކަނބަލުން މެދުވެރިކުރައްވާ ބައެއް މެސެޖްތައް ޕީޕީއެމްގެ ލީޑާޝިޕް އަށް ރައީސް ޔާމީން ދެއްވަމުން ގެންދެވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު އެމަނިކުފާނަށް ޖަލުން ފޯނު ކޯލު ދިނުމަށް ހުރަސް އަޅަމުންގެންދާ ކަަމަށެވެ.

"ފޯނު ކޯލު ކުރުމަށްޓަކައި ކުރީގައި އޮތް ލުއިތައް ހަގީގަތުގައި ވަނީ ނިމުމަކަށް އައިއްސަ ކަމަށް އެމަނިކުފާނު ވަނީ އިއްޔެ ވިދާޅުވެފައި. އެހެންވީމަ ވަރަށް ހިތްދަތި ކަމަކާ އަނިޔާތަކެއް ތަހައްމަލްކުރަމުން އެ ގެންދަވަނީ،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ބައިވެރިނުވާ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށެވެ.

ހައިކޯޓުގައި އޮތް އިސްތިއުނާފު މައްސަލަ މަޑުޖެހިފައި ވަނީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުގެ ސަބަބުންނެވެ.