ޕީއެންސީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތުމާއެކު، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގައި އާދޭސް ދެންނެވި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ޕީއެންސީ ލީޑާޝިޕްގެ ތާއީދު މުއިއްޒުއަށް އޮތްކަން ހާމަކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ރިޔާސީ ޓިކެޓު ލިބުމާއެކު އެންމެ ފުރަތަމަ ވެސް ކުރެއްވި ކަމަކީ ރައީސް ސޯލިހުއަށް ގުޅުއްވައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެދި އާދޭސް ދެންނެވި ކަމަށެވެ. އޭގެ ޖަވާބުގައި ރައީސް ސޯލިހު އެކަމާމެދު ވިސްނަވާނެ ކަމަށް ވިދާޅުވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު އުންމީދު ކުރަނީ އަދި މިރޭ ގޮވާލަނީ ވެސް އަޅުގަނޑު އެ ދުވަހު ދެންނެވި ދެންނެވުމަށް އިޖާބަދީ، ރައީސް ޔާމީން މިހިނދުން މިހިނދަށް ވެސް ގެއަށް ދޫކޮށްލުމަށް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ޕީޕީއެމް ޕީއެންސީ ލީޑާޝިޕްގައި ހިޔާލު ތަފާތުވުމަކީ ދެ ޕާޓީގެ ޑިމޮކްރަސީގެ ހަރުދަނާކަން ކަމަށެވެ. އަދި ރިޔާސީ ޓިކެޓްގެ ހައްގުވެރި ފަރާތަކީ ރައީސް ޔާމީންކަން ހަނދާން ބަހައްޓަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށާއި އިންތިހާބު ކާމިޔާބު ވުމާއެކު އެންމެ ފުރަތަމަ ވެސް ކުރައްވާނެ މަސައްކަތަކީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ފުރަތަމަވެސް ކުރާނެ ކަމަކީ ގާނޫނީ ހަމަތަކުގެ މަތިން އެމަނިކުފާނު މިނިވަން ކުރުން. އެކަން އިރާދަކުރެއްވިއްޔާ އެއީ އަޅުގަނޑުމެންގެ އެންމެ އިސް ޒިންމާއަކީ، އެންމެ އިސް މަސައްތަކަށް ވާނެ،" މުއިއްޒު ވިދާޅުވި އެެވެ.