ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި އިންނަވަން ޖެހިވަޑައިގެން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ނުލިބި އަނިޔާލިބުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ޔާމީން ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތްވެ، މިހާރު ވެސް ޖަލުގައި އޮންނަވަން ޖެހިވަޑައިގަތީ ޕީޕީއެމް ކޯލިޝަންގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން އެގޮތް ބޭނުންވާތީ ކަމަށް ނަޝީދު ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.

ރައީސް ޔާމީން ޖަލުގައި އޮންނަވާތާ އެއް ހާސް ދުވަސް ވުމާ ގުޅިގެން މިއަދު ބޭއްވި ސައިކަލު ބުރުގެ ތެރެއިން:ފޮޓޯ ޕީޕީއެމް

ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ އެއްވުމެއްގައި އެ މަނިކުފާނު ވިދާޅުވީ ޔާމީން ޖަލުން މިނިވަން ކުރުމަށް ޕީޕީއެމް ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން މަސައްކަތް ނުކުރައްވާ ކަމަށެވެ. އެބޭފުޅުން މަސައްކަތް ކުރައްވާ ނަމަ ރައީސް ޔާމީން ހުންނަވާނީ މިނިވަންވެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޔާމީން ޖަލުގައި ހުންނަވާތާ 1000 ދުވަސް ހަމަވުމާ ގުޅިގެން، ޕީޕީއެމް ކޯލިޝަނުން މިއަދު ހަވީރު މާލޭގައި ބޭއްވި ސައިކަލު ބުރަށްފަހު ވަނީ ޔާމީންގެ ފަރާތުން ހާއްސަ ބަޔާނެއް އިއްވާފަ އެވެ. ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު އިއްވައި ދެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ޔާމީނަށް ޖަލުގައި އަނިޔާވެރިވެ އިންސާފު ނުލިބުމުގައި ރައީސް ސޯލިހް އާއެކު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ޕީޕީއެމް ބައިބައި ކުރުމަށް ނަޝީދު ދައްކަވާ ވާހަކަ ތަކުގައި ޖެހިވަޑައިނުގެން ޕީޕީއެމްގެ މެމްބަރުން ބަދަހިކޮށް އޮތުމަށް ޔާމީން އެދިލައްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ކޯޓުތަކުން އިންސާފު ނުލިބުމުގައި ރައީސް ޞާލިހުއެކޭ އެއްގޮތަށް ޖޭއެސްސީގެ ތެރެއިން ނަޝީދު ވެސް ބައިވެރިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް އެކަމުގައި ބައިވެރިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޕީޕީއެމްގެ ބޭފުޅުން ޑިމޮކްރެޓްސް އާއެކު މަސައްކަތް ކުރަން ފެށުމަށް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ. ނަޝީދު ވިދާޅުވީ ޑިމޮކްރެޓްސްއާއެކު މަސައްކަތް ކުރުމަށް އެއްބަސްވެ، ސޮއި އަޅާތާ ހަފުތާއެއްގެ ތެރޭ ޔާމީން މިނިވަން ކުރައްވާނެ ކަމަށެވެ.

ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމް ކޯލިޝަނުން ކުރަމުން އަންނަ މުޒާހަރާތަކުގައި ދަ ޑިމޮކްރެޓްސް އިން ބައިވެރިވާނެ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޑިމޮކްރެޓްސްގެ ޖަލްސާގައި ވެސް ވިދާޅުވި އެވެ.