ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދީފައިވަނީ ރަށުގެ އަސްލު އަގާ ނުބައްދަލު އަގެއްގައި ކަމަށް އެ ރަށުގެ މުއާމަލާތް ހިންގި ދުވަސްވަރު އެމްއެމްޕީއާރުސީގައި ވަޒީފާ އަދާކުރި މީހަކު ޝަރީއަތުގައި މިއަދު ބުނެފި އެވެ.

މި މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔަ ހެކި ބަސް ނެގުމުގެ އަޑުއެހުމެވެ. މިއަދު ހެކި ބަސް ދީފައިވަނީ ފުއްގިރީގެ މުއާމަލާތް ހިންގި ދުވަސްވަރު އެމްއެމްޕީއާރުސީގެ ވަޒީފާގައި އުޅުނު އަހުމަދު ޝިފާއު ކިޔާ މީހެއްގެ ހެކިބަހެވެ.

ހެކިބަސް ދެމުން އޭނާ ބުނެފައިވަނީ އެއަގަކީ އެރަށާ ބަލާއިރު ވަރަށް ކުޑައަގެއް ކަމަށާ އެކަމާ ގުޅޭގޮތުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުއާ ސުވާލު ކުރި ކަމަށެވެ. އަދި އެއީ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ދިން އަގެއް ކަމަށް ޒިޔަތު ޖަވާބުގައި ބުނިކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ އަހުމަދު ޝިފާއު ބުނީ ފުއްގިރީގެ މުއާމަލާތް ހިންގި އިރު ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވި ކަމަށާ ބައްދަލުވުންތައް ހަމަޖައްސަން އުޅުނު ކަމަށެވެ. ބައްދަލުވުންތަކަށް ފަހު މީޓިންގް ނޯޓުގައި އޮތް އަގަށްވުރެ ފަހުން އެއްބަސްވުން ހެދިއިރު އޮތް އަގުކުޑަ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ސީދާ އެއަގު ހަނދާން ނުވާ ކަމަށާ އެހެން ނަމަވެސް އެރަށާ ބަލާއިރު އެއީ ކުޑަ އަގެއް ކަމަށް ވެސް އޭނާ ބުންޏެވެ.

އެބައްދަލުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި، ރަށުގެ މުއާމަލާތް ކުރަން ބޭނުންވާ ބޭރު ކުންފުނީގެ ފަރާތުން އިންޑިއާ ދެ މީހަކާއި ކްރިކް ރިޒާ ބައިވެރިވި ކަމަށް ހެކިވެރިޔާ ބުންޏެވެ.

މި މައްސަލައިގައި ދައުވާ ލިބެނީ ކުރީގެ ރައީސް ޔާމީނަށާއި އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.

މި މައްސަލައިގައި ދެން ހިމެނޭ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ކޮށްފައިވީ ނަމަވެސް އޭނާގެ ބައި ދައުލަތުން ވަނީ އަނބުރާ ގެނެސްފަ އެވެ.