ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވުމަށް ފަހު ކުޅުދުއްފުށީގެ ކައުންސިލަރުން އަލުން އަނބުރާ އެމްޑީޕީއާ ގުޅުނީ ވަގުތީ ފައިދާގެ ދަޅާގައި ޖެހިވަޑައިގެން ކަމަށް ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހުންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓްސް އުފެއްދެވުމަށް ފަހު މެމްބަރުން އިތުރު ކުރުމަށް ކުރިއަށް ގެންދިޔަ މަސައްކަތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފާއެކު ހުރިހާ ކައުންސިލަރުން ވަނީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ޑިމޮކްރެޓްސޤ އަށް ސޮއިކުރައްވާފަ އެވެ. އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފަކީ ޑީމޮކްރެޓްސް އުފެއްދުމުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އެހެން ނަމަވެސް ރޭގެ ވަގުތެއްގައި އެހުރިހާ ބޭފުޅުން ވަނީ އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕޭނަށް މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެން ނަޝީދު ވަނީ އެބޭފުޅުން އަލުން އަބުރާ އެމްޑީޕީއާ ގުޅިވަޑައިގަތީ ވިޔަފާރީގެ މުއާމަލާތެއްގެ ގޮތުގައި ކަމަށް ތުހުމަތުކުރައްވާފަ އެވެ. އަދި އެބޭފުޅުން ޑިމޮކްރެޓްސް ދޫކޮށްލެވީ ވަގުތީ ފައިދާގެ ދަޅާގައި ޖެހިވަޑައިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ޒުވާނުން ވަގުތީ ފައިދާގެ ދަޅާގައި ވަރަށް އަވަހަށް ޖެހިދާނެ ކަމަށާއި ކުޅުދުއްފުށީ ރައްޔިތުންނަކީ އެހާ އަވަހަށް ޒަމީރު ގުޑާ ބައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުން ގިނަބަޔަކު ދިޔައީ އޭނާއަށް ފާޑުކިޔަމުންނެވެ.
އެމްޑީޕީއާ އެނބުރި ގުޅެން ނިންމި ނިންމުން ދިފާއު ކުރައްވާ އާތިފް ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުންގެ ހައްގުގައި ނުކުރާނެ ކަމެއް ނޯންނާނެ ކަމަށެވެ.