މާލެ އާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖް (ތިލަމާލެ ބްރިޖު) މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތާމެދުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިންޑިއާ ސަރުކާރުގެ އެހީއާއެކު ސަރުކާރުން ކުރަމުންދާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު މުއިއްޒު ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ ގިނަ އަދަދެއްގެ ފައިސާ ހަރަދު ކޮށްގެން ސަރުކާރުން ތިލަމާލެ ބްރިޖް މަޝްރޫއާމެދު އިންޖިނިއަރެއްގެ ހައިސިއްޔަތުން ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި މުއިއްޒު ވަނީ ބުރިޖު މަސައްކަތުގެ ފެންވަރާމެދު ސުވާލުތަކެއް އުފައްދަވައިފަ އެވެ.

ބުރިޖު އެޅުމަށް ގުޅުވައިލުމަށް ތައްޔާރުކުރާ ބައިތައް ގުޅިފަޅުގައި ތައްޔާރުކުރާ ގޮތާމެދުގައި ކަންބޮޑުވުން ފާޅުކޮށް މުއިއްޒު ވިދާޅުވީ ބްރިޖްގެ ކޮންކްރީޓް މަސައްކަތް ކުރިއަށް ގެންދަނީ މިންގަނޑުތަކާއި އެއްގޮތަށް ނޫން ކަމަށެވެ. އަދި ބްރިޖްގެ ބައިތައް ހެދުމުގެ މަސައްކަތް ހިނގަނީ ވަރަށް ހާމައަށް އޮންނަ ބޮޑު ތަނެއްގައި ކަމަށާ އެއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ބަޔަކު އެފަދަ މަސައްކަތެއް ކުރާނެ ގޮތެއް ނޫން ކަމަށެވެ.

މިވާހަކަތައް މިދައްކަނީ ސިޔާސީ ގޮތުން ނޫން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ޕްރެފެޝަނަލް ބެކްރައުންޑުން ވިސްނާއިރު، އެ ޕްރޮފެޝަނަލް ވިސްނުމުން ވިސްނާއިރު، [އަދި] އިންޖިނިއަރިންގެ ގޮތުން ވިސްނާއިރު ވެސް، ހަގީގަތުގައި ވެސް އެބަހުރި ވަރަށް ކަންބޮޑުވުން އެ މަޝްރޫއު ކުރިއަށް ގެންދާ ގޮތާ މެދު. ސިޔާސީ ވިސްނުމާއި އެ ކަހަލަ ހުރިހާ ކަމެއް ދޫކޮށްލާފައި ވިސްނާއިރު ވެސް، އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތް ކުރާ ހުރިހާ އެންމެން އަޅުގަނޑާ މިކަމުގައި އެއްބަސް ވާނެ،" ސިނަމާލެ ބުރިޖުގެ މަސައްކަތް ކުރިއިރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުރި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ގައުމީ ތަރައްގީގެ ވިސްނުމުން ވިސްނާއިރު ތިލަމާލެ ބްރިޖް މަޝްރޫއު އަކީ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ވާނެ ގޮތަށް ހިންގޭ މަޝްރޫއު އެއް ވެސް ނޫން ކަމަށެވެ.

ކުޑަހުވަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ޑރ.މުއިއްޒު ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ: ޕީޕީއެމް

"އަޅުގަނޑުމެން ގައުމުގެ މުސްތަގުބަލު ނިންމާނީ، އަޅުގަނޑުމެން އަމިއްލައަށް. ތަރައްގީގެ ގޮތުން ވިސްނިޔަސް، ގައުމު މި އޮތީ އޮޔާ ގޮސްފައި. އުމްރާނީ ތަރައްގީ އެކަންޏެއް ނޫން، އިގްތިސާދީ ތަރައްގީ ވެސް މި އޮތީ، މުޅިން އަދަނވަޅަކަށް ވެއްޓިފައި. އަޅުގަނޑުމެންގެ މިނިވަންކަން މި އޮތީ އޮޔާދާ ހިސާބުގައި،" މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނާ ގޮތުގައި މި ސެގްމެންޓްތައް ވެގެން ދާނީ ބްރިޖެއް އެޅުމަށް ދުނިޔޭގައި ބޭނުންކުރާ އެންމެ ދިގު ސެގްމެންޓްތަކަށެވެ. އޭގެ ދިގު މިނުގައި 8.177 މީޓަރު ހުންނާނެ ކަމަށް ބުނެ އެވެ.

ތިލަމާލެ ބްރިޖް ޕްރޮޖެކްޓްގެ ދަށުން ތިން ބްރިޖް އަޅާނެ އެވެ. އެއީ މާލެއާ ވިލިމާލެ، ވިލިމާލެއާ ގުޅިފަޅު އަދި ގުޅިފަޅާއި ތިލަފުށި ގުޅައިލަން އަޅާ ތިން ބްރިޖެވެ. އަދި ތިން ކޯޒްވޭ އަކާއި 6695 މީޓަރުގެ ދިގު ރޯޑް ނެޓްވޯކެއް އަޅާނެ އެވެ.

ތިލަމާލެ ބްރިޖްއަށް ބޭނުންވާ ޕްރީކާސްޓް ސްޓްރަކްޗާތައް ހަރުކުރުމުގެ މަސައްކަތް ވަނީ ފަށާފައި.

ތިލަމާލެ ބްރިޖަކީ މި ސަރުކާރުން ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ އަގު ބޮޑު މަޝްރޫއެވެ. ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް ކުންފުންޏެވެ.

ގްރޭޓަ މާލޭ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައި ވަނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ.