ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނުހިންގުމުގެ ސަބަބުން ސުޕްރީމް ކޯޓަށް މުވައްޒަފުން ހަމަނުޖެއްސި އެންމެ ފުރިހަމަ މިނިވަންކަން ނެތް ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ޖޭއެސްސީއާ މެދު ކޯފާ އިސްކުރައްވައިފި އެވެ.

ކޯޓުތަކުން ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާ ދޭން އެންގި މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ މިއަދު ބެއްވި އަޑުއެހުމުގައި ފަނޑިޔާރު ސުއޫދު ވަނީ ޖޭއެސްސީގެ މަސައްކަތްތަކާމެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައި ހޫނު ސުވާލުތަކެއް ކުރައްވައިފަ އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިނަލަށް ހުށަހެޅި މައްސަލައިގައި ނިންމީ އެ މީހުން ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ ނިންމުން ޖޭއެސްސީން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ ޓްރައިބިއުނަލްގެ ނިންމުން ދަމަހައްޓައިފަ އެވެ. އެހެންވެ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.

ސުއޫދު ނުރުހުން ފާޅު ކުރެއްވީ ދޮޅު އަހަރު ވެގެން ދިޔައިރު ވެސް ސުޕްރީމް ކޯޓަށް ސެކްރެޓަރީ ޖެނެރަލްއަކު އައްޔަންކޮށްފައި ނުވުމުންނެވެ.

ސުއޫދު ވިދާޅުވީ ކޯޓުތަކަށް އަމިއްލައަށް އިދާރީ ކަންކަން ހިންގުމަށް ގާނޫނު އަސާސީގެ 156 ވަނަ މާއްދާއިން ބާރުލިބިދޭ ކަމަށެވެ. އެހެން އޮތް އިރު ގާނޫނުއަސާސީގެ އެ މާއްދާ ފެތެނީ ކޮން ތަނަކަށްތޯ ސުއޫދު ސުވާލުކުރެއްވި އެވެ.

ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ ސުއޫދު ވިދާޅުވީ ދެ އަހަރު ވެގެން ދިޔައިރު ސުޕްރީމް ކޯޓަށް ސެކެޓްރީ ޖެނެރަލްއަކު އައްޔަން ނުކުރެވޭ ކަމަށެވެ. ކޯޓުން އަމިއްލައަށް އެކަން ކުރާނީ ކިހިނެއްތޯ އާއި ސުޕްރީމް ކޯޓު ނުފޫޒެއްގެ ތެރެއަށް ދަނީތޯ ސުއޫދު ސުވާލު އުފެއްދެވި އެވެ.

"...މި ތަން މި އޮތީ ހަމަ ހުއްޓިފައި. ހިންގުން އެއްކޮށް ހުއްޓިފައި. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު މިއީ. ކޮން އިރަކުންތޯ މިއަށް އަޅުގަނޑުމެންނަށް ފަރުވާއެއް ލިބެނީ. ވިދާޅުވެދެއްވަބަލަ؟ މި ތަން ހިންގާނީ ކިހިނެއްްތޯ؟ އިދާރީ ގޮތުން މި ކޯޓު ހިންގޭކަށް، އިދާރީ ގޮތުން މި ކޯޓަށް މިނިވަންކަމެއް ނެތް މުވައްޒަފުން ލާކަށް." ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ސުއޫދު ފާހަގަ ކުރެއްވި ކަންކަމަށް ޖޭއެސްސީގެ ފަރާތުން އެއްވެސް ސުވާލެއް އޮތްތޯ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އެއްސެވެމުން ޖޭއެސްސީގެ ވަކީލު ފަތުހުއްލާ އިސްމާއީލް ވިދާޅުވީ، އެ މައުލޫގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. ނަމަވެސް، އެ ކަންބޮޑުވުން ޖޭއެސްސީއާ ހިއްސާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.