ސުކޫލު ބޮޑު ޗުއްޓީ އަހަރު ފަހު ކޮޅަށް ހެދިޔަސް އެކަމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެއްވެސް މުއައްޒަފަކަށް ގެއްލުމެއް ނުވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ސުކޫލް ބޮޑު ޗުއްޓީ އަހަރުގެ ފަހުކޮޅަށް ބަދަލު ކުރާނެ ކަމަށެވެ. އަދި އެއީ އެންމެ ކުރިއްސުރެ އެކަން އޮންނަ ގޮތް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެކަމުގެ ތަފްސީލް ފަހުން ދެއްވާނެ ކަމަށް އޭނާ ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

ސުކޫލު ބޮޑު ޗުއްޓީ އަހަރުގެ މެދަށް މިސަރުކާރުން ބަދަލުކުރީ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހިންނަށް އެ މީހުންގެ ދަރިންނާއެކު ޗުއްޓީ ހޭދަކުރުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ.

ސުކޫލު ބޮޑު ޗުއްޓީ އަނެއްކާ ވެސް އަހަރުގެ ފަހުކޮޅަށް ބަދަލުކުރާނެ ކަމަށް ވިދާޅުވުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކެއް ވަނީ މުއިއްޒުގެ ވާހަކައަށް ފާޑުކިޔައިފަ އެވެ.

ބޮޑު ޗުއްޓީ އަހަރުގެ ފަހު ކޮޅަށް ބަދަލުކުރައްވަނެ ކަމަށް ވިދާޅުވެ މުއިއްޒު ދެއްކެވި ވާހަކަތަކުގެ ތަފްސީލް ދެއްވަމުން މިރޭ ފ. ނިލަންދޫގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ކުރިން އޮންނަ ގޮތަށް އަހަރުގެ ފަހު ކޮޅަށް ބޮޑު ޗުއްޓީ ބަދަލުކުރި ކަމުގައިވީ ނަމަވެސް ޓޫރިޒަމް ދާއިރަގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް އަދި އެމުވައްޒަފެއްގެ އާއިލާއަކަށް ވެސް ދެރަގޮތެއް ނުވާނެ ކަމަށެވެ. އެގޮތުން އަހަރުގެ މެދު ތެރެއިން އެއް މަސް ޗުއްޓީ ލިބޭގޮތް ހައްދަވައިދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީންކޮށް އަރުވަން ބޭނުންވަނީ ކުރީގައި އޮތް ގޮތަށް ބޮޑު ޗުއްޓީ ބަދަލު ކުރުމަކުން ޓޫރިޒަމް ސެކްޓާގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއްގެ އާއިލާތަކަށް އެއްވެސް ގެއްލުމެއް ލިބުނަކަ ނުދޭނަމޭ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ހަމަޖެއްސުމުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އާއިލާއާ އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެކަމާ އެއްވެސް މުވައްޒަފަކު ކަންބޮޑު ނުވުމަށް އެދިވަޑައިގަތެވެ.

މުއިއްޒު ވިދާޅުވީ އަހަރުގެ މެދު ތެރެއިން ޗުއްޓީ އެއް ދިނުމަށް ނިންމީ ފަތުރުވެރިކަމުގެ ދާއިރަގައި މަސައްކަތް ކުރާ މުވައްޒަފުންނާ ވެސް ބައްދަލުކޮށް މަޝްވަރާ ކުރުމަށް ފަހުގައި ކަމަށާއި އެކަމުގެ ތަޖުރިބާކާރުންނާ ވެސް މަޝްވަރާކުރެއްވި ކަމަށެވެ.