ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަކޮށް ހައުސިން ކެޓަގަރީއެއް ހަދާ ބޯހިޔާވަހިކަން ހަމަޖައްސައިދެއްވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފ. ނިލަންދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސަގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެހެން ސިނާއަތްތަކެކޭ އެއްގޮތަށް ޓޫރިޒަމް ދާއިރާ އަކީވެސް ސަމާލުކަން ދޭންޖެހޭ ދާއިރާއެއް ކަމަށެވެ. އަދި ފެންނަމުން ދަނީ އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭ ސަމާލުކަން ނުދޭ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ސަރުކާރެއްގައި އެންމެ ފުރަތަމަ ފަށާ ހައުސިން މަޝްރޫއެއްގައި ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަކިން ހާއްސަ ހައުސިން ކެޓަގަރީއެއް ގާއިމްކޮށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.
"ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ ކުރެވިފައިވާ ހައުސިން ކެޓަގަރީއެއް ގާއިމްކޮށް، ޝޯޝަލް ހައުސިން ފޯރިކޮށްދިނުމަކީ އަޅުގަނޑުމެންގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭނެ ކަމެއް،" ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ ރިޓަޔަމަންޓް ސްކީމެއް ތައަރަފް ކުރައްވާނެ ކަމަށެވެ. އޭގެ ސަބަބަުން ރިޓަޔާކުރުމަށް ފަހު ގިނަ ފައިދާތަކެއް އެ މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މަސައްކަތް ކުރަނީ މަޖިލީހުގެ ތެރެއިން ވަކި ގާނޫނަކުން ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ސުކޫލު ބޮޑު ޗުއްޓީ ކުރިން އޮންނަ ގޮތަށް އަހަރުގެ ފަހުކޮޅަށް ބަދަލު ކުރައްވާނެ ކަމަށް ރޭގެ ޖަލްސާގައި ޑރ. މުއިއްޒު ވިދާޅުވުމުން އެކަމާ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސަައްކަތްކުރަ ގިނަ މުވައްޒަފުންތަކެއް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މުވައްޒަފުންގެ ކަންބޮޑުވުންތަކާއެކު އެކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެ މިރޭ މުއިއްޒު ވިދާޅުވީ އަހަރުގެ ފަހުކޮޅު ޑިސެމްބަރުގައި ބޮޑު ޗުއްޓީ ހަމަޖެއްސިޔަސް އަހަރުގެ މެދުތެރެއިންވެސް ހަތަރު ހަފްތާގެ ޗުއްޓީއެއް ލިބޭނެ ކަމަށެވެ. އެކަމުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އާއިލާއާ އެކު ވަގުތު ހޭދަ ކުރުމުގެ ފުރުސަތު ލިބިގެންދަނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.