ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ 1،000 ފަގީރުން ހިލޭ ހައްޖަށް ފޮނުވާނެ ކަމަށް އެމަނިކުފަނު ވިދާޅުވެއްޖެ އެވެ.

މުއިއްޒުގެ ކެމްޕެއިނަށް މ. މުލަކުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކޮށް ހިންގުމަށް ބޮޑު ބަދަލެއް ގެންނަވާނެ ކަމަށެވެ. އަދި ހައްޖު ފަންޑުން އިންވެސްޓުކޮށް ނަފާ ހޯދައި މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ހައްޖު ކޯޕަރޭޝަން ހަދަން ޖެހޭ ކަމަށެވެ. އޭރުން ހައްޖުގެ އަޅުކަމަށް ކުރާ ހަރަދު އެތަށް ތަނަކުން ހެޔޮވެގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އަމިއްލަ ހަރަދުގައި ހައްޖަށް ދެވޭނެ ވަރުގެ ތަނަވަސްކަން ނެތް މީހުންނަށް ސަރުކާރުގެ އެހީގައި ފަސް އަހަރު ތެރޭ 1،000 މީހުން ހިލޭ ހައްޖަށް ފޮނުވައިދެއްވާނެ ކަމަށެވެ.

"ހައްޖު ކޯޕަރޭޝަން ހިނގަނީ ރަނގަޅަކަށް ނޫން. އެ ކޯޕަރޭޝަނުން ހައްޖަށް މީހުން ގެންދަނީ ވަރަށް އަގުބޮޑުކޮށް. އެ ކުންފުނި ފައިނޭންޝަލީ ވަރުގަދަ ކުންފުންޏަކަށް ހަދަން އެބަޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމް/ ޕީއެންސީ އިން މިރޭ މ. މުލަކުގައި ބޭއްވި ކެމްޕެއިން ޖަލްސާގެ ތެރެއިން. ފޮޓޯ: ޕީޕީއެމް

މީގެ އިތުރުން ފޯރުންތެރިކަން ނެތް މީހުންނަށް ބަހާލައިގެން އިންސްޓޯލްމަންޓަށް ހައްޖުގެ އަގު ދެއްކެގޮތް ވެސް ހައްދަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ޒަކާތު ފަންޑުން ވެސް އޭގެ ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ ޒަކާތު ފަންޑު ހަރުދަނާކޮށް މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ގާނޫނީ ހައިސިއްޔަތު ލިބޭ އޮފީހެއް އުފައްދާނެ ކަމަށެވެ.