މި ސަރުކާރުން ވެރިކަމަށް އަންނަން ވިއްކި އެންމެ ބޮޑު ސިޔާސަތަކީ ރައީސް ޔާމީންގެ ސަރުކާރުން ހިންގި ވައްކަމުގެ މައްސަލަތައް ތަހުގީގު ކުރުން ނަމަވެސް މިސަރުކާރުން އެކަން ނުކޮށް މިސަރުކާރުން ވެސް ފެށީ ވައްކަން ކުރަން ކަމަށް ދަ ޑިމޮކްރެޓްސްގެ ތަރުޖަމާން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

ޑިމިކްރެޓްސްގެ ތަރުޖަމާން އިމްތިޔާޒް ފަހުމީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ވެރިކަމަށް އަންނަން އެންމެ ބޮޑަށް ވިއްކި އެއްޗަކީ ރައީސް ޔާމީންގެ ސަރުކަރުގައި ހިންގި ހިޔާނާތާއި ވައްކަމާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުން ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމޭއިރު ކުރީ ސަރުކާރުން ކޮށްފައިވާ ވައްކަންތައް ނުބަލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިސަރުކާރުން އެ މައްސަލަތައް ނުބަލާއިރު، ސަރުކަރުން ވެސް ގެންދިޔައީ އިންތިހާއަށް ވައްކަން ކުރަމުން ކަމަށް އިންތި ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަންވަމުން އެންމެ ބޮޑަށް ވިއްކެވި އެއް ކަމަކީ، ކުރީގެ ސަރުކާރުތަކުން ހިންގި ހިޔާނާތުގެ މައްސަލަތައް ބަލާނަމޭ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތައް ބަލާނަމޭ. އަދި އެ ނޫން ވެސް މައްސަލަތައް ބައްލަވާނަމޭ، ފަސް އަހަރުގެ ދައުރު އެ ނިމުނީ ނަތީޖާއެއް ނުފެނި،" އޭނާ ވިދާޅުވި އެވެ.

އިންތި ވިދާޅުވީ ދެވަނަ ދައުރެއް ރައީސް ސޯލިހުއަށް ދީފި ނަމަ ވައްކަން ކުރުން އިތުރު ހަރުފަތަކަށް ގެންދާނެ ކަމަށެވެ. އަދި މިސަރުކާރުން ކޮވިޑްގެ ހާލަތުގައި ހިންގި ހިޔާނާތް ވެސް އޮއްބާލަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތި ވިދާޅުވީ މިސަރުކާރަށް ދެވަނަ ދައުރެއް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.