ވ. ފެލިދޫ ރައްޔިތުންނާއި މެދު މި ސަރުކާރުން އޮތީ އިހުމާލުވެފައި ކަމަށާ އެމަނިކުފަނުގެ ވެރިކަމެއްގައި ސަރުކާރުން އެރައްޔިތުންނަށް ކޮށްދޭން ޖެހޭ އެއްވެސް ކަމެއްގައި ފަސް ނުޖެހި ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒުގެ ކެމްޕެއިނަށް މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ފެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ މިސަރުކާރުން ފެލިދޫ ރައްޔިތުންނާ މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. މިސަރުކާރުން ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ ބަދަލުގައި ވޭތުވެ ދިޔަ ފަސް އަހަރު ބެލީ އެގެ ކުރީ ސަރުކާރުގެ ނުރަނގަޅު ކަންކަން ފާހަގަކޮށް ޒިންމާއިން ރެކުން ކަމަށެވެ.
ފެލިދޫ ރައްޔިތުންނަށް ތަރައްގީގެ އެއްވެސް ކަމެއް މިސަރުކާރުން ކޮށްދީފައިނުވާކަން ފަހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ފެލިދޫގެ ރައްޔިތުންނަށް ހަމަޖެހިލައިގެން އުޅެވެން އޮތީ އެރަށުގެ ބިން ބޮޑު ކޮށްގެން ކަމަށެވެ.
"މިރަށުގައި ބިން ބޮދުކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިރަށުގެ ރައްޔިތުންނަށްޓަކައި ސަރުކާރުން ކޮށްދޭން ޖެހޭކަމެއް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ފެލިދު ރައްޔިތުންނަށް ބޯހިޔަ ވަހިކަމާ ކުޅިވަރުކުޅޭނެ ވަސީލަތްތައް ގާއިމް ކޮށްދެވޭނީ ރަށުގެ ބިން އިތުރަށް ބޮޑުކޮށްގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެމަނިކުފަނުގެ ވެރިކަމެއްގައި އެރަށުގައި ފަޅުގެ ޖާގަ އޮތް މިންރަކުން ބިން ބޮޑު ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެންމެ އިސްކަމެއް ދެއްވާނީ ރައްޔިތުންގެ ބޯހިޔަކަމަށް ކަމަށެވެ. އެގޮތުން ފެލިދު ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ފޯރު ކޮށްދޭއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ގެދޮރު އިމާރާތް ކުރުމަށް ފަސޭހައިން ލޯނު ލިބޭނެ މަގުވެސް ތަނަވަސްކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.