ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންދިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވީރު ކ. ގުރައިދޫ އަށް ވަޑައިގެންނެވި ވަގުތު އެރަށުގައި ޕީޕީއެމްގެ ސަޕޯޓަރުންނާއި އެމްޑިޕީގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގައިފި އެވެ.

މުއިއްޒު މިއަދު ހަވީރު ކ. ގުރައިދޫ އަށް ވަޑައިގެންނެވި ވަގުތު އެރަށު ބަނދަރުމަތީ ޕީޕީއެމް ސަޕޯޓަރުންނާ އެމްޑީޕީ ސަޕޯޓަރުން ހިންގި ހަމަނުޖެހުންތައް ހުއްޓުވަން ފުލުހުން ހަރަކާތްތެރިވި އެވެ. އެހެން ނަމަވެސް ހަމަނުޖެހުން ހިނގަން އުޅުނު ދެ ޕާޓީގެ ސަޕޯޓަރުންނާ ފުލުހުންނާ ވެސް ކޮންމެ ވެސް ވަރެއްގެ ކުރިމަތިލުމެއް ހިނގި އެވެ. ހަމަނުޖެހުމުގައި މިހާތަނަސް މީހަކު ހައްޔަރު ކުރިކަމެއް ނޭނގެ އެވެ.

މި ހަމަނުޖެހުމުގައި ދެ މީހެއްގެ ބޯފަޅައިގެން ދިޔަ ކަމަށް ވެސް އެނގިފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުއިއްޒު ގުރައިދޫއަށް ވަޑައިގަންވަން އޮތް ވަގުތާ ދިމާކޮށް ހަމަނުޖެހުން ހިންގަން ރެއިން ފެށިގެން އެމްޑީޕީގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގަން ދިޔައީ ރާވަމުންނެވެ.

އެމްޑިޕީ ސަޕޯޓަރުންނާއި ޕީޕީއެމް ސަޕޯޓަރުން ހަމަނުޖެހުން ހިންގާފައިވާ އިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހު ރަށްރަށަށް ވަޑައިގަންނަވާ ވަގުތުވެސް ޕީޕީއެމް ސަޕޯޓަރުން އަޑު ގަދަކޮށް މުޒާހަރާ ކުރެ އެވެ. އަދި އެ މުޒާހަރަތައް ހަމަނުޖެހުމަށް ބަދަލުވެ ބަޔަކު ހައްޔަރުކޮށްފައި ވެސް ވެ އެވެ.