ރައީސް އިބްރާހީމް މުހައްމަދު ޞޯލިހުގެ ރިޔާސީ ކެމްޕެއިނަށް މާލޭ ސިޓީ ކައުންސިލުން ހުރަސް އަޅާ ކަމަށް ރައީސްގެ ކެމްޕެއިން ތަރުޖަމާން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ރައީސް ޞޯލިހު ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބާއްވަން ހުއްދައަށް އެދިފައވީ ނަމަވެސް އެ ހުއްދަ ނުދީ ސިޓީ ކައުންސިލުން ހިފަހައްޓަމުންދާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮންނަނީ އިދިކޮޅު ޕީޕީއެމް ކޯލިޝަންގައެވެ. މާލޭ ސިޓިގެ މޭޔަރަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.

މާރިޔާ ވިދާޅުވީ ކާނިވާ ސަރަހައްދުގައި ޖަލްސާ ބާއްވަން ސިޓީ ކައުންސިލްގައި ދެ ފަހަރެއްގެ މަތިން މިހާރު ހުއްދައަށް އެދިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއީ އެމްޑީޕީގެ ކެމްޕޭނަށް ހުރަސް އެޅުމުގެ ގޮތުން ގަސްތުގައި މާލޭ ސިޓީ ކައުންސިލުން ކުރާ ކަމެއް ކަމަށެވެ.

ޑރ. މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާހް ކުރުމަށް ހުޅުމާލެ ފޭސް 2 ގައި ބޭއްވި ޖަލްސާއަށް އިޝާރާތް ކުރައްވާ މާރިޔާ ވިދާޅުވީ އިދިކޮޅު ފަރަތްތަކުން ބާއްވާ ސިޔާސީ ހަރަކާތްތަކަށް ސަރުކާރުން ޖާގަ ދެމުންދާ ކަމަށެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީން ކާނިވާ ހިފަން ހުއްދައަށް އެދުމުން އެތަން އެހެން ބަޔަކު ހިފާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ބައެއް އެހެން ކައުންސިލަރުންގެ ފަރާތުން މައުލޫމާތު ލިބުން ގޮތުގައި އެތަން އެއްވެސް ބަޔަކު ހިފާފައި ނުވާކަން އިންގޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ވަރަށް ފާޑެއްގެ ގޮތަކަށް މި ކަންކަން އިދިކޮޅު ހަރަކާތްތައް ހުއްޓުވާލަން. ގާނޫނު އަސާސީގައި ސިޔާސީ ވާދަވެރި ނިޒާމެއް ގެނައީ އަޅުގަނޑުމެންނަށް އެއިން ރައްޔިތުންނަށް ފައިދާވާނޭ ކަންކަން ކޮށްދެވޭތީ. އެކަމަކު އެކި ގޮތްގޮތުން އެމްޑީޕީގެ ކެމްޕެއިނަށް ހުރަސް އެޅުމުގެ ގޮތުން މަސައްކަތްތައް ކުރައްވަމުން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ މާލޭގެ މޭޔަރު ކަމުގައި މުއިއްޒު ހުންނަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ގާނޫނު އަސާސީއާ ހިލާފަށް ކުރައްވާ ކަންތައްތައް ކަމަށެވެ.