ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތައް ހިންގަން ވަކި އިންސައްތައެއް ދިނުމަށް ކަނޑައަޅާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ހެޔޮވެރިކަން ސިޔާސަތުގައި ހިމަނައިފި އެވެ.

އެމަނިކުފާނު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ. ދަރަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވަނީ ރައީސް ޞަލިހުގެ "ހެޔޮވެރިކަން" ސިޔާސަތު އިފްތިތާހް ކޮށްފަ އެވެ.

އެ ސިޔާސަތުގައި ވަނީ މާލީ ގާބިލްކަން ހޯދުމަށް ވަކި ފަރާތަކަށް ބަރޯސާވުން ހުއްޓާލުމަށް ގާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުން ފައިސާ ކަނޑައަޅާނެ ކަމަށެވެ. އަދި މާލީ އެހީތެރިކަން ދޭނީ މެނިފެސްޓޯގައި ވާ ގޮތަށް ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކުންކަން ކަށަވަރުކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލްތަކާއި އެއްގޮތަށް އޮންނަ ރޭޓިންގް ނިޒާމެއް ކަނޑައަޅައި އޭގެ ދަށުން ކަމަށެވެ.

މީގެ އިތުރުން މީޑިއާތަކުގެ ސެލްފް ގަވާނަންސް އަދި ރެޖިސްޓްރޭޝަން ޕްރޮސެސްގައި ހުރި މައްސަލަތައް ހައްލުކުރުމަށް މީޑިއާ ތަކާ ގުޅިގެން މީޑިއާގެ ދަފްތަރުގައި ހުރި މައްސަލަތައް ހައްލުކުރަންވެސް ހިމަނަފައިވެ އެވެ. އަދި ކޮމިއުނިޓީ-ބޭސްޑް ޖާނަލިޒަމް، ފްރީލާންސް ޖާނަލިޒަމް، ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން ފަދަ ދާއިރާތަކުން ކުރިއެރުމަށް ބެނުންވާ، ތަމްރީނާއި، ތައުލީމީ ފުރުސަތު ފަހިކޮށްދިނުމަށްވެސް ވަނީ ހިމަނާފަ އެވެ.