ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެ މުވައްޒަފުންނަށް ރޭ އެވޯޑް ދީފި އެވެ.

މި ހަފްލާގައި އެވޯޑް ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަގެ އިތުރުން ބޯޑު ޑިރެކްޓަރުންނާއި ބޭންކުގެ އެގްޒެކްޓިވް މެނޭޖްމަންޓުގެ މެންބަރުންނެވެ.

އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑް ހޯދާފައި ވަނީ ހުޒާތު އަލީ (ހެޑް އޮފް ކަސްޓަމަ ޕޭމަންޓްސް އެންޑް ސެޓަލްމަންޓް) އެވެ. މާކެޓިން ޓީމާއި ބަދުރުއްދީން ހަސަން (ހެޑް އޮފް ރީޓެއިލް ބޭންކިން އެންޑް ކާޑްސް) ވަނީ ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް ހޯދާފަ އެވެ. ފާތިމަތު ހަލީމް (ހެޑް އޮފް އޮޕަރޭޝަނަލް އެކްސެލެންސް) ބެސްޓް ލީޑާ އެވޯޑް ހޯދިއިރު މުހައްމަދު ޝާއިގް އަހުމަދު (ކަސްޓަމަ ސާވިސް މެނޭޖަރު) ވަނީ ބޭސްޓް މެނޭޖަ އެވޯޑް ހޯދާފަ އެވެ.

މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްފައިވާ ފަރާތްތަކާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ދާއިރާތަކުން ވަނީ އެވޯޑް ދީފަ އެވެ. މީގެ ތެރެއިން ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް، ކަސްޓަމަ ސާވިސް ސްޓާ އަދި އެވޯޑް ފޯ އިނޮވޭޝަން ހިމެނެ އެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ސްޓުމްކަ ވަނީ ފާއިތުވި އަހަރު މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެވޯޑް ހާސިލްކުރި ހުރިހާ މުވައްޒަފުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ ސްޓްރެޓަޖީގައި އިސްކަންދޭ ތިން އަމާޒުކަމުގައިވާ ކަސްޓަމަރުންނަށް އިންސާފުން މުއާމަލާތްކުރުމަށާއި ޑިޖިޓަލައިޒޭޝަނާއި ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރި ހިންގުމަށް މިވަނީ ގާބިލް، މަސައްކަތަށް އިސްކަންދޭ އަދި ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިދުމަތްދޭ މުވައްޒަފުންގެ ޓީމެއް ގާއިމްކުރެވިފައި. އަދި އަޅުގަނޑުމެން އަހުމިއްޔަތުކަމެއްދޭ އެއްކަމަކީ މުވައްޒަފުން ދެމެހެއްޓުމާއި ބޭންކަކީ މަސައްކަތްކުރަން އެންމެ ރަނގަޅު އެއް ތަނަށް ހެދުމަށް،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދޭ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ފަހުރުވެރި ދިވެހިންނެވެ. އަދި މީގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ރާއްޖޭގެ އެކި ރަށްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.