އަންނަ މަހު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު، އޮޅުވާލައިގެން އިދިކޮޅު ބޮޑު ޕާޓީގެ ޓިކެޓް ހޯދި މީހުންނާ މެދު ވިސްނަށްޖެހޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކެމްޕޭނަށް މިހާރު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު ވިލުފުއްޓަށް މިއަދު ހެނދުނު ވަޑައިގެން، ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިންތިހާބުގައި ވޯޓުލާއިރު ގޮތެއް ނިންމަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށާއި، އެ ނިންމުމަކީ އަމިއްލަ މީހާގެ އިތުރުން އެ މީހެއްގެ ރަށަށް އަދި ގައުމަށް އަންނާނެ ބަދަލަކާ މެދު ވިސްނައި ފިކުރު ކުރުމަށް ފަހު ނިންމަން ޖެހޭ ނިންމުމެއް ކަމަށެވެ.

އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭގެ ތެރޭގައި ތަޖުރިބާ ނުކުރާ ކެންޑިޑޭޓުންތަކެއް ވެސް އެބަތިބި ކަމަށާއި، ވެރިކަމުގެ އެންމެ އިސް ސަފުގައި މަސައްކަތް ކުރެއްވި ކެންޑިޑޭޓުން ވެސް އެބަތިބި ކަމަށެވެ.

މިޖަލްސާގައި ޕީޕީއެމް ރިޔާސީ ޓިކެޓްގެ މައްސަލާގައި ޕީޕީއެމް ދޫކޮށް ޖުމްހުރީ ޕާޓީއާ ގުޅިވަޑައިގެންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ޖޭޕީގެ ކެމްޕޭނުގެ ތެރެއިން މުއިއްޒަށް ކުރެއްވި ތުހުމަތުތަކާމެދު ރައީސް ސޯލިހު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

އެގޮތުން ރައީސް ސޯލިހު ވިދާޅުވީ މިއީ ވަރަށް ވިސްނަން ޖެހޭ ކަމެއް ކަމަށާއި އިއްޔެއާ ޖެހެންދެން އެކީ މަސައްކަތް ކުރި މީހުންނަށް އޮޅުވާލައިގެން ޓިކެޓު ހޯދި ބަޔަކަށް ވެރިކަން ދިނުން ކަހަލަ ގޯހެއް ހަދައިގެން ނުވާނެ ކަމަށެވެ.

ވިލުފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ/އެމްޑީޕީ

"ކުރީގެ ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކު ދެއްކެވި ވާހަކައެއް ޕީޕީއެމްގެ ކެންޑިޑޭޓާ ގުޅޭ ގޮތުން. ޕީޕީއެމްއެއް ނޫން ދެން. އަޅުގަނޑުމެންގެ ވާދަވެރިން. ވިދާޅުވީ ބަލަ މި ތަނުން އެބަ ފެނޭހެއްޔޭ އެ ކުލަ. ނެތެއް ނޫން ހެއްޔޭ ފެންނާކަށް؟ ދިދައެއް އެއްޗެއް ވެސް ނެތެއް ނޫން ހެއްޔޭ، އެ ކުރިމަތިލައްވައިގެން އުޅުއްވާ ޕާޓީގެ،" ރައީސް ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ކެމްޕޭނުން އެ ޕާޓީގެ ކުލަ ނުފެންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވި ކުރީގެ ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަކުރުމުގެ ދޮރު ބަންދުވީ އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އޮތުމުންނެވެ.

އެއާ އެކު، ޕީޕީއެމް އިން ކެންޑިޑޭޓަކު ނެރުމުގެ ބަދަލުގައި، ޕީޕީއެމްއާ އެކު އެކީގައި ހިންގާ ޕީއެންސީން ކެންޑިޑޭޓަކު ނެރެން ނިންމައި އެ ޕާޓީގެ ސެނެޓުގައި ވޯޓެއް ނެގި އެ ވޯޓު ކާމިޔާބުކުރައްވައި ޕީއެންސީގެ ޓިކެޓު ކާމިޔާބުކުރައްވައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.