އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެނަމަ ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުމަށް ދޫކޮށްފައިވާ އެސްއެމްއީ ލޯނުތައް ލޯނުތައް މާފުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް އއ. މަތިވެރީއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ ލޯނުތައް ދެއްކުމުގެ ގާބިލްކަން ރައްޔިތުންގެ ކިބައިގައި މިއަދު ނެތް ކަމަށާއި މިކަމުގެ ބޭނުމަކީ ވޯޓު ހޯދުން ކަމަށެވެ.

"ލޯނުތައް ދެއްކުމުގެ ގާބިލްކަން ރައްޔިތުންގެ ކިބައިގަ މިއަދު ނެތް. މިކަމުގެ ބޭނުމަކީ ވޯޓު ހޯދުން. އަޅުގަނޑުގެ ސަރުކާރެއްގައި ސަރުކާރުތަކުން ދީފައި ހުރި ހުރިހާ އެސްއެމްއީ ލޯނެއް މާޢާފުކޮށްދޭނަން. ހެޔޮ ދެ ބިލިއަން ނުވަތަ ތިން ބިލިއަންގެ ލޯނެއް ނަގާފަ ހުއްޓަސް. ހަމަ އެދުވަހުން ފެށިގެން މަޢާފުކޮށްދޭނަން. ހުރިހާ ބޭފުޅުންގެ ލޯނެއް ޒީރޯ. އެއްވެސް ހަމައެއް ލަމައެއް ނެތި މިކަން ކުރަމުން ގެންދަނީ. ސަރުކާރުން ބޭނުންވާ ޕޮލިޓިކަލް އެޖެންޑާއެއް ހާސިލްކުރުމަށްޓަކައި ވަރަށް އިންސާފެއްނެތި އެކަން ކުރާތީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެ ލޯނުތައް މައާފުކޮށްދެނީ އެއީ އެއްވެސް އުސޫލެއް އަދި ހަމައެއް ނެތި ދޫކުރާ ލޯނެއް ކަމަށް ވާތީ ކަމަށާއި އެ ލޯނު ދޫކުރުމުގައި އެއްވެސް އިންސާފެއް ވެސް ނެތް ކަމަށެވެ. އަދި އެލޯނުތަކަކީ ވޯޓު ހޯދުމުގެ ބޭނުމުގައި ހިންގާ ޖަރީމާއެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

މީގެ ކުރިން ގާސިމް ވަނީ ސްޓޫޑަންޓް ލޯނާއި ހިޔާ ފްލެޓްތަކުގެ ކުލި މައާފުކޮށްދެއްވަން ވެސް ވައުދުވެވަޑައިގެންފަ އެވެ.