ގއ. ވިލިނގިލީ ފަޅު ހިއްކާ އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ވިލިނގިލީގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ޑރ. މުއިއްޒު ވިދާޅުވީ ގްރޭޓާ އާބަން ޒޯނެއްގެ ގޮތުގައި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ އަދި ހުވަދު އަތޮޅު ތަރައްގީ ކުރުމަށް ވިސްނަމުންދާއިރު އެސަރަހައްދުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ގއ. އަތޮޅުގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓު ހަދާނީ ވިލިނގިލީ ފަޅު ހިއްކައިގެން ކަމަށެވެ. އަދި ވިލިނގިލީ ފަޅު ހިއްކައިގެން ހަދާ އެއާޕޯޓާއެކު ކޫއްޑޫ އެއާޕޯޓަކީ ޓްރެއިނިިން އެއާޕޯޓެއް ގޮތުގައި ހަދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ގއ. އަތޮޅުގައި ވެސް އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް، މިހާރު ކޫއްޑޫގައި އޮތް އެއާޕޯޓަކީ ޓްރެއިނިން އެއާޕޯޓަކަށް ބަދަލުކޮށް، ވިލިނގިލީގައި އަޅުގަނޑުމެންގެ ވިސްނުމުގައި މި އޮތީ މިތާ ކައިރީގައި މި އޮތް ފަޅު ހިމެނޭ ގޮތަށް ވިލިނގިލީގައި އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓެއް އަޅަން،" މުއިއްޒު ވިދާޅުވި އެވެ.

ގއ ވިލިނގިލީގައި ކުރިއަށް ދިޔަ ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން. ފޮޓޯ: ޕީޕީއެމް

މުއިއްޒު ވިދާޅުވީ އެއާޕޯޓު އަޅަން ވިލިނގިލި ފަޅު ހިއްކާ އިރު ހިއްކާނީ ރައްޔިތުންނަށް އޭގެން ފައިދާވާ ގޮތަށް ފަހުން ގޯތި ވެސް ދޫކުރެވޭ ގޮތަށް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ވިލިނގިލީ ފަޅު ހިއްކައިގެން ހަދާ އެއާޕޯޓާއި އެކު ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް އެސަރަހައްދުގައި ހިންގާނެ ކަމަށެވެ. މިއާއެކު މުޅި އަތޮޅު ޑެވެލޮވެގެން އަންނައިރު 10،000 އެނދު އަންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.