ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) ގުޅިގެން ބައްވާ ރިޔާސީ ކެންޑިޑޭޓުންގެ "ރިޔާސީ ބަހުސް" ރައީސް އޮފީހުން ބޭނުންވި ގޮތަށް ކެންސަލް ކޮށްފި އެވެ.

"ރިޔާސީ ބަހުސް" އަކީ ރިޔާސީ ކެންޑިޑޭޓުންގެ މެދުގައި ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް ދައުލަތުގެ މީޑިއާއިން ބާއްވަމުން އަންނަ ބަހުސް އެކެވެ.

ރިޔާސީ ބަހުސް ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހު އެވެ. އެމްޑީޕީގެ ބޮޑު ޖަލްސާއެއް ވެސް ހަމަ އެދުވަހުގެ ރޭގަނޑު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޑީޕީގެ ޖަލްސާގެ ކުރިން ބަހުސްގެ ތާރީހު އިއުލާންކޮށް ހުރިހާ ރިޔާސީ ކެންޑިޑޭޓުންނަށް ވަނީ ދައުވަތު ވެސް ދީފަ އެވެ. އެހެން ނަމަވެސް ރިޔާސީ ބަހުސާއި އެމްޑީޕީން މާލޭގައި ބާއްވާ ބޮޑު ޖަލްސާއާ ފުށުއަރާތީ، ބަހުސް ބާއްވާ ތާރީހު ބަދަލުކޮށްދޭން އެމްޑީޕީން ވަނީ މިއަދު އެދިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެމްޑީޕީގެ ޖަލްސާ އެ ތާރީހުގައި އޮންނާނެ ކަމަށެވެ. އަދި ބަހުސްއާ އެމްޑީޕީގެ ޖަލްސާ ފުށުއަރާތީ ބަހުސްގެ ތާރީހު ބަދަލް ކުރުމަށް އެމްއެންޔޫއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ރިޔާސީ ބަހުސް މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ. އަދި ޕީއެސްއެމްއިން ވަނީ ސަންގު ޓީވީން ގެނެސްދޭ ބަހުސްގެ ޕާޓްނަރަކަށްވުމަށް ނިންމައިފަ އެވެ.

ޕީއެސްއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކެންޑިޑޭޓުން މި ދުވަސްވަރު ކެމްޕެއިނަށް ދަތުރު ކުރައްވަމުންދާތީ ހުރިހާ ކެންޑިޑޭޓުންނަށް ބަހުސްގައި ބައިވެރިނުވެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. އަދި އިންތިހާބަށް ވަގުތު ކުޑަތަންވެފައި އޮއްވައި، ބަހުސް ފަސް ކުރުން ރަނގަޅު ނޫން ކަމަށް ފެންނަ ކަމަށެވެ.