އެހެން ޕާޓީއެއްގައި ހުރެފައި އެމްޑީޕީއާ ގުޅޭ އެއްވެސް މަޖިލިސް މެމްބަރަކަށް ރިޝްވަތު ނުދޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގައި ހިނގި ހިޔާލު ތަފާތުވުންތަކާއެކު ބައެއް މެމްބަރުން އެމްޑީޕީ އިން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި ވަނީ ޕާޓީއެއް އުފައްދާފަ އެވެ.

އެމްޑީޕީއިން ވަކިވެ ޑިމޮކްރެޓްސްއާ ގުޅުނު ދެ މަޖިލިސް މެމްބަރުން ދާދި ފަހުން ވަނީ އަލުން އެމްޑީޕީއަށް ސޮއިކޮށްފަ އެވެ.

ޑިމޮކްރެޓްސްގައި ހުންނެވުމަށް ފަހު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވެސް ވަނީ އަލުން އަނބުރާ އެމްޑީޕީއަށް ސޮއިކުރައްވާފަ އެވެ.

ތ. އަތޮޅަށާއި ލ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ސޯލިހު މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވަނީ. ފޮޓޯ: އެމްޑީޕީ

އެބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން ޑިމޮކްރެޓްސްގެ ބާނީ ރައީސް ނަޝީދު ވަނީ ރައީސް ސޯލިހު އެ ބޭފުޅުންނަށް ރިޝްވަތު ދެއްވި ކަމަށް ވިދާޅުވެފަ އެވެ.

އެވާހަކަތައް ރައީސް މިރޭ ވަނީ ދޮގު ކުރައްވާފަ އެވެ. ތ. އަތޮޅަށާއި ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއިން ވަކިވި މެމްބަރުންގެ ތެރެއިން ޕާޓީއާ އަލުން ގުޅުމަށް އެއްވެސް މެމްބަރަކަށް ރިޝްވަތު ނުދެއްވާ ކަމަށެވެ.

"އަޅުގަނޑު ހަމަގައިމު އެއްވެސް މެމްބަރަކަށް އެއްވެސް ކަހަލަ ފައިސާގެ މުއާމަލާތެއް އަދި ރިޝްވަތޭ ތިޔަ ވިދާޅުވާ ފުޅާ މާނައިގައި ހިމެނޭ ކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މެމްބަރުން އަލުން އެމްޑީޕީއާ ގުޅެނީ އެ މެމްބަރުންގެ ދާއިރާއަށް ތަރައްގީ ގެނެސްދިނުމަށް ކަމަށެވެ.

ރައީސް މިހެން ވިދާޅުވި އިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނާ މައްސަލައެއް އެ އިދާރާއިން ފުލުހުންނަށް ހުށަހެޅި އެވެ. އެހެން ނަމަވެސް އެ މައްސަލަ ނުބެލޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.