ގދ. ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ނުކުރެވިއްޖެ ނަމަ ގދ. ތިނަދޫ ފަޅު ހިއްކައިގެން އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފި އެވެ.

ގދ. ތިނަދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުންގެންދާ ކަމަށެވެ. ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ކުރިއަށް ނުދާ ނަމަ ތިނަދޫ ފަޅު ހިއްކައިގެން އިންޓަނޭޝަނަލް އެއާޕޯޓެއް ހައްދަވައިދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ތިނަދޫ ފަޅު ހިއްކައިގެން އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތިނަދޫ ކައުންސިލުން ރަސްމީކޮށް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ.

"ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ނުވާކަމުގައި ވަންޏާ، އިރާދަކުރެއްވިއްޔާ ތިނަދޫ ފަޅުތެރޭގައި ތަރައްގީކުރާ ޓޫރިޒަމް ޒޯން މަޝްރޫއާ އެކު މިތަނުގައި އިންޓަނޭޝަނަލް އެއާޕޯޓެއްގެ ހިދުމަތް ލިބެން ފަށާނެ،،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވަނީ ތިނަދޫގެ ފަޅުގައި ހަދަން ނިންމާފައިވާ ޓޫރިޒަމް ޒޯންއާ އެކު ރަށުގެ ބިން އިތުރަށް ހިއްކައި 500 ފްލެޓްގެ އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.

ގދ. ތިނަދޫގައި މިރޭ ބެއްވި ޖަލްސާގެ ތެރެއިން

ރައީސް ވިދާޅުވީ ސަރުކާރުން ތިނަދޫ ތަރައްގީ ކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން އިންޓަގްރޭޑެޓް ޓޫރިޒަމް ޒޯން ތަރައްގީވާއިރު، މި ރަށުގެ ބިން އިތުރަށް ހިއްކާނެ ކަމަށާއި މިހާރު މި ރަށުގައި އަޅަމުން އަންނަ 200 ފްލެޓްގެ އިތުރުން 500 ފްލެޓް އަޅައިދޭނެ ކަމަށެވެ.