ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު ރަށްރަށަށް ވަޑައިގެން ވަމުންދާ ވައުދުތައް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކޮޕީ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ޑރ. މުއިއްޒަށް ރައީސް ފާޑު ވިދާޅުވެއްޖެ އެވެ.

ޅ. އޮޅުވެރިފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ ދަތުރުގެ ތެރެއިން އެމްޑީޕީގެ ޔޫތު ވިންގުގެ ކުދިންނާ ބައްދަލުކުރައްވައި ވާހަކަދެކެވުނު ކަމަށެވެ. އަދި މި ކެމްޕެއިނަކީ އެންޑްރޮއިޑާއޖ އެޕަލް ފޯނާ ދެމެދު އޮންނަ ވާދަވެރިކަން ސިފަވާ ކެމްޕޭނެއް ކަމަށް އެކުދިން ފާހަގަކުރި ކަމަށް ރައީސް ވިދާޅުވި އެވެ.

އެޕަލް ފޯނާ އެންޑްރޮއިޑް ފޯނުގެ މިސާލު ޖައްސަވާ ރައީސް ވިދާޅުވީ އެމަނިކުފަނު ވެވަޑައިގަންނަވާ ވައުދުތައް އިދިކޮޅު ބޭފުޅުން ކޮޕީކުރައްވާ ކަަމަށެވެ.

"އެޕަލް ފޯނުން ބުނާނެއޭ ދެން ތިމަންނަމެން ނެރޭ ފޯނުގަ ތިން ކެމެރާ ބައިންދާނަމޭ. ހަމަ ބުނާއިރަށް އެއް ހަފުތާ ފަހުން އެންޑްރޮއިޑުން ބުނާނެއޭ ތިމަންނަމެން ކެމެރާގަ ހަތަރު ކެމެރާ ބައިންދާނަމޭ. ހަމަ އެހެން މިވަނީ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ހައުސިން ލޯނު ހަ ޕަސެންޓަށް ކުޑަކޮށްދޭނެކަމަށް ވިދާޅުވުމުން އިދިކޮޅު ކެންޑިޑޭޓް އަނެއް ދުވަހު ވައުދުވަނީ އެބޭފުޅާ ހައުސިން ލޯނު ފަސް ޕަސެންޓު ކުޑަ ކޮށްދޭނެ ކަމަށެވެ.

ރައީސް ޞާލިހު ކެމްޕެއިނަށް ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން.

ރައީސް ވިދާޅުވީ ރޯދަ މަހުގެ ފަހު ދިހައެއް ވޯކް ފްރޮމް ހޯމް ހެދުމަށް ހަމަޖައްސަވާނެ ކަމަށް ވިދާޅުވުމުން، އިދިކޮޅު ކެންޑިޑޭޓް އިއްޔެ އިއުލާނުކުރީ 10 ދުވަސް ބަންދުކުރަން ކަމަށެވެ. ރައީސް ވިދާޅުވީ އެހެން މީހަކު ބުނާ އެއްޗެއް ކުޑަ ތަންކޮޅެއް ބަދަލުކޮށްލަފައި އިދިކޮޅު ކެންޑިޑޭޓުން ވައުދުވަމުންދާ ކަމަށެވެ.