ކުށެއް ކޮށްފި ނަމަ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށްވިޔަސް ހައްގު އަދަބު ދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ ސަންގު ބަހުސްގައި، ރައީސްކަން ކުރައްވާ ބޭފުޅުން ޖަލަށްލައްވާނަންތޯ މޮޑަރޭޓާރު ސުވާލުކުރެއްވުމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަދުލުވެރި އިންސާފުވެރި ޝަރުއީ ނިޒާމެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅެއްވިޔަސް އާންމު ދިވެހި ރައްޔިތެއްވިޔަސް ކުށެއް ކޮށްފި ނަމަ އޮންނަ ޝަރުއީ ނިޒާމުގެ ތެރެއިން އަދުލުވެރިކަމާ އެކު ޝަރީއަތް ހިންގާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ކުށެއްކޮށްފި ނަމަ ވަކި މީހަކަށް ނުބަލާ ގާނޫނު އަސާސީގެ ތެރެއިން އެމީހަކަށް ހައްގު އަދަބު ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މި ރާއްޖެއިން ރައީސްކަން ކުރައްވާ ބޭފުޅުން ޖަލަށްލުމާ ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

"އަދުލުވެރިކަން އަޅުގަނޑުމެންގެ ވެރިކަމެއްގައި ފެންނާނެ ރައީސްސުލްޖުމްހޫރިއްޔާކަން ކޮށްފަ ހުރި މީހެއްވިޔަސް އާންމު ދިވެހިރައްޔިތެއް ވިޔަސް ކުށެއް ކޮށްފިއްޔާ ގާނޫނު އަސާސީގައި އޮންނަ ގޮތަށް އަދަބު ލިބޭނެ. ރާއްޖޭގައި ބަދަލުހިފުމުގެ ރޫހު ނިމުމަކަށް ގެންނާނަން. މިހާރު މިފެންނަ އަނިޔާވެރިކަން ނިމުމަކަށް އަންނާނެ" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މި ސަރުކާރުގެ އަނިޔަވެރިކަމާ ނާއިންސާފު ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. ހަމަޖެހުމުގެ ނޭވާއެއް ލެވޭނީ އޭރުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މީހަކު ކުށެއްކޮށްފި ނަމަ އެއޮންނަ އުސޫލުގެ ތެރެއިން ޝަރުއީ ދާއިރާ މިނިވަން ކުރެވޭނެ ކަމަށާ މިހާރު މިފެންނަ ގޮތަށް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނާނެ ކަމަށެވެ. އިންސާފުވެރި ޝަރުއީ ނިޒާމެއް ފެންނާނެ ކަމަށާ ރައީސުލްޖުމްހޫރިއްޔާ ކަން ކުރި މީހަކުވެސް ކުށެއް ކޮށްފިއްޔާ އަދަބު ލިބެންޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.