ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް މައުމޫން ބައްދަލު ކުރެއްވި ކަމަށް ދެކެވޭ ވާހަކަތައް ޕީޕީއެމް އިން ދޮގުކޮށްފި އެވެ.
ފާރިސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތި ވެސް ލައްވާފަ އެވެ.
ފާރިސް މައުމޫންއާ ރައީސް ޔާމީން މިއަދު މާފުށީ ޖަލުގައި ބައްދަލު ކުރެއްވި ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި ފާރިސް މާފުށީ ޖަލުން ނިކުންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފަ އެވެ.
ޕީޕީއެމް އިން ބުނީ ފާރިސްއާ ރައީސް ޔާމީން ބައްދަލުކުރެއްވި ކަމަށް ބުނެ މީޑިއާތަކުގައި ފަތުރަނީ ދޮގު ހަބަރެއް ކަމަށެވެ. އަދި އެއީ ޕީޕީއެމް ބައިބައި ކޮށްލުމަށް ދައްކާ ފިތުނައިގެ ވާހަކަތަކެއް ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.
މިވާހަކަ ފެތުރުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ އިސްބޭފުޅުން ބައިވެރިވާ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ޕީޕީއެމް އިން ބުނެ އެވެ.
އެވާހަކަތަކަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުއަށް ރައީސް ޔާމީން ތާއީދުކުރައްވާތީ އެކަން ހަޖަމުނުވެގެން ބަޔަކު ދައްކާ ވާހަކަތަކެއް ކަމަށް ވެސް ޕީޕީއެމްއިން ބުނެ އެވެ.
ރައީސް ޔާމީންއާ ފާރިސް ބައްދަލުކުރެއްވި ކަމަށް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާއިރު، ރައީސް ޔާމީން މުއިއްޒުއަށް ތާއީދު ނުކުރާކަން ދޭހަވާ މޭރުމަކުން އެމަނިކުފާނު ވާހަކަ ދައްކަވާ މުއިއްޒުއަށް ވަރުގަދަ މެސެޖެއް ފޮނުއްވާފައިވާ ކަމަށް ވެސް މިދިޔަ ހަފުތާގައި ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.