މި އަހަރުގެ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަން ވަމުންދާ އިރު ޝައުގުވެރި އެތައް ކަމެއް ފާހަގަކުރެ އެވެ. ކުރީގެ ރައީސުންގެ ތެރޭން އިންތިޚާބުގައި ވާދަކުރެވޭ ހާލަތުގައި ތިއްބެވި ބޭފުޅުން ވެސް ބައެއް ސަބަބުތަކާ ހުރެ އިންތިޚާބަށް ކުރިމައްޗެއް ނުލައްވަ އެވެ. ކުރީގެ ބައެއް ރައީސުން ވެރިކަމަށް ވަޑައިގަތުމަށް އިންތިހާ އަށް އަދިވެސް ބޭނުންފުޅުވެ އެވެ. ބައެއް ބޭފުޅުންނަށް ކޯޓު ހުކުމުގެ ސަބަބުން ކުރިމަތި ނުލެއްވުނީ އެވެ. އަނެއްބައި ބޭފުޅުންނަށް ޕާޓީން ފުރުސަތު ނުދިނީ އެވެ. އަނެއް ބޭފުޅުންގެ ތާއީދު ވަޒަން ނުކުރެއްވޭތީ ކުރިމަަތިލައްވަން ކުރިވަޑައިނުގަތީ އެވެ.

ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ވެރިކަމަށް ކުރިމަތިލުމުގެ ޝައުގު މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލހާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ފާޅުކުރެއްވި އެވެ. އޭގެ ކުރިން ދެ ބޭފުޅުންގެ މެދުގައި ވަނީ ކުނިޖެހިފަ އެވެ. ވެރިކަމުގެ އާރާއި ބާރު ހޯއްދަވަން އުޅުމުގެ ތެރޭގައި ޒަމާންވީ ރަހުމަތްތެރިކަމަށް ވަނީ ބުރޫ އަރައިފަ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ޖެނުއަރީ މަހު ބޭއްވި ޕްރައިމަރީ ރައީސް ސޯލިހު ވަނީ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ކާމިޔާބު ކުރައްވައިފަ އެވެ. އޭގެ ފަހުން ފެނިގެން ދިޔައީ ޑިމޮކްރެސީގެ އެންމެ އަސާސީ އުސޫލުތަކާ ވެސް ޚިލާފަށް ރައީސް ނަޝީދު ނަތީޖާ ގަބޫލް ނުކުރައްވައި ޕާޓީ ބައިބައި ކުރަން ނުކުންނެވި ތަނެވެ. ޕްރައިމަރީގައި އެމަނިކުފާން ބޭނުންކުރެއްވި ސްލޯގަން ކަމަށްވާ "ފިކުރެއްގެ ދިރުން" ޕްރޮމޯޓްކޮށް އެ ނަމުގައި ގޮފިތަކެއް އުފައްދައި އާ ކޮންގްރެސްއެއް ބާއްވައި ރިޔާސީ ޓިކެޓް އަނބުރާލެއްވޭތޯ މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ޕާޓީގައި ރައީސް ސޯލިހުގެ ކޮންޓްރޯލް މާބޮޑަށް އޮތުމުން ރައީސް ނަޝީދު ބޭނުންފުޅުވާ އެއްކަމެއް ވެސް ނުކުރެއްވުނެވެ. ދެން އުޅުއްވީ ގާތްބޭފުޅުން ކޮޅަކާ އެކު އާ ޕާޓީއެއް އުފެއްދެވުމަށެވެ. އެންމެން ވެސް ހީކުރީ އާ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ނަޝީދު ކަމަށެވެ. ނަމަވެސް ބެލެވޭ ގޮތުގައި އާ ޕާޓީ އަށް ހީކުރިވަރަށް މެންބަރުން އިތުރުނުވުމުން ނަޝީދު ގަސްދުކުރެއްވީ ފަހަތަށް ޖެހިވަޑައިގެން އެހެން ކެންޑިޑޭޓަކު ނެރުއްވުމަށެވެ. އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރަށް ރިޔާސީ ޓިކެޓް ނަޝީދު ދެއްވީ މިފަހަރު އެމަނިކުފާނު ކުރިމަތިލައްވައިގެން ލިބޭނެ ކަމަށް ބެލެވޭ ތާއީދު ކުޑަވުމުން ފަޟީލަތެއް ވެދާނެ ކަމަށެވެ. އިލްޔާސް ލަބީބަށް ޓިކެޓް ދިނީ ނަމެއްގައި ޕްރައިމަރީ ބާއްވައިގެންނެވެ. އެކަމުގައި ވެސް ޕާޓީގެ ތެރޭގައި ޚިޔާލުތަފާތުވުން އުފެދި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ފޫކައިގެން އުޅުއްވި އެވެ. ނަމަވެސް މިދަނޑިވަޅުގެ މަސްލަހަތަށްޓަކައި ފަހުން އެކުވީ އެވެ. ގިނަ މީހުން އަދިވެސް ގަބޫލް ކުރަނީ އިލްޔާސް ލަބީބަށް ވެރިކަމާ ހަމައަށް ދެވިއްޖެ ނަމަ އޮންނާނީ ނަޝީދުގެ ބާރު ކަމަށެވެ. އިލްޔާސް ވަނީ ނަޝީދުގެ ޕަޕެޓަކަށް ކަމެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު މިރޭ ސަންގު ޓީވީން ގެނެސްދިން ބަހުސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން، މަނީ ލޯންޑްރިންގެ ކުށުގައި ޖަލަށްވަޑައިގަންނަވަން ޖެހިވަޑައިގަތީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޕާޓީގެ ތެރޭގައި އޮންނަ ސެނެޓުން އަރުވާފައި ވަނިކޮށެވެ. އެއް އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހުމުން ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެކަން ގިނަ ބަޔަކު ގަބޫލްކުރި އެވެ. އެ ޕާޓީގެ އާއްމު މެންބަރުން ވެސް އެގޮތަށް ގަބޫލްކުރި އެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން އާއްމުންނަށް ވިސްނައިދެމުން ދިޔައީ ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރެވޭނެ ގޮތް ފަހު ވަގުތު ހަމަޖެހޭނެ ކަމަށެވެ. ރައީސް ޔާމީނަށް އިންތިޚާބަށް ކުރިމަތިނުލެއްވޭނެ ހާލަތެއްގެ ވާހަކަ ދެއްކި މީހެއްގެ ވެސް މައްސަލަ ބަލައި ފިޔަވަޅު އަޅާފައިވެ އެވެ. ބެކަޕް ކެންޑިޑޭޓެއްގެ ވާހަކަ ދެއްކުން ވެސް އޮތީ ކުށަކަށް ހަދައިފަ އެވެ. އެކަމަކު ވިސްނުން އިސްކުރައްވައި ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދެވީ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ހުރިހާ ކަމެއް އަޑިއަޑިން ރާއްވަވަމުންނެވެ. ފާޅުގައި ގެންދެވީ އެކަމާ ދެކޮޅު ހައްދަވަމުންނެވެ. ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭނެކަން މުއިއްޒުގެ ހިތުގެ އަޑިން ގަބޫލްކުރީ ކަމަށް ވެސް ވެދާނެ އެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ފެންބޮވައިގެންފައި ތިއްބެވި އެހެން ބޭފުޅުންނަށް ދުރާލައި ރާއްވަވާކަށް ނޭނގުނު ކަހަލަ އެވެ. އެބޭފުޅުން ވިސްނަވައިގެން ތިއްބެވީ ފަހު ވަގުތު ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ގޮތް ވެއްޖެ ނަމަ ޓިކެޓް ހޯއްދެވުމަށެވެ. އެކަމަކު ފަހު ވަގުތު އެ ފުރުސަތު ރައީސް ޔާމީނަށް ލިބިވަޑައިނުގަތުމުން ޑރ. މުއިއްޒު ވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނާ ޕްލޭން އޭ، ބީ އަދި ޕްލޭން ސީ އަށް ވެސް ތައްޔާރުވެވަޑައިގެންފަ އެވެ. ޕްލޭން އޭ އަދި ބީ ފެއިލްވެއްޖެކަން އެނގުމާ އެކު މުއިއްޒު ވަނީ އެ ދުވަހުން ދުވަހަށް ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންސީ އަށް ބަދަލުވެވަޑައިގެން އެ ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދަވައިފަ އެވެ. އަޑުތައް ފެތުރިފައިވާ ގޮތުން މުއިއްޒު ވަނީ ސިޓީ ކައުންސިލްގައި އޮންނަ ބާރާއި އެ ނޫން ވެސް ނުފޫޒުތައް ބޭނުންކޮށްގެން ދެ ޕާޓީގެ ސެނެޓުގެ ކޮންޓްރޯލް ނަގައިފަ އެވެ. މުއިއްޒަށް ޓިކެޓް ދިން އިރު ވަނީ އިންތިޚާބަށް ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާން 24 ގަޑިއިރަށް ވުރެ ވަގުތު ކުޑަތަންވެފަ އެވެ. ޕީޕީއެމުގެ ފަރާތުން ކުރިމަތިލައްވަން ކޯޓުން ރެކޯޑް ސާފު ކުރައްވައި ފޯމު ފުރުއްވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަށް އެ ފުރުސަތެއް ޕާޓީއަކުން ނުދިނެވެ. ޚަބަރުތައް ފެތުރިފައިވާ ގޮތުގައި ވަހީދުގެ ފޯމުގައި ޕާޓީގެ ތައްގަނޑުގެ ޖަހައިފާނެތީ އެ ތައްގަނޑު ވެސް ވަނީ ފޮރުވައިފަ އެވެ. ފަހު ވަގުތު މުއިއްޒަށް ޓިކެޓް ދިނުމާއި ވަހީދު ކަޓުވާލުމަކީ ޕީޕީއެމް/ޕީއެންސީގެ ވަގުތީ ލީޑަޝިޕުގެ އަތެއް ނެތި ނުކުރެވޭނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލްކުރެ އެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު މިރޭ ސަންގު ޓީވީން ގެނެސްދިން ބަހުސްގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ. ފޮޓޯ: ޕީޕީއެމް

އިންތިޚާބުގައި ވާދަކުރެއްވޭނެ މަގު ބަންދުވުމުން ރައީސް ޔާމީން ބޭނުންފުޅުވީ އިންތިޚާބު ބޮއިކޮޓް ކުރުމަށެވެ. އެކަމަކު ސެނެޓުގެ ލަފާ ގަބޫލްކުރައްވައި އެމަނިކުފާނުގެ ވިސްނުން ބަދަލުކުރެއްވި އެވެ. ނަމަވެސް ފޯމުލެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް މުއިއްޒު ވަޑައިގެންވި އިރު ވެސް ރައީސް ޔާމީނުގެ ތާއީދު މުއިއްޒަށް އޮތްކަން ހާމަކުރައްވައިފައެއް ނުވެ އެވެ. އެހެންވެ ފޯމުލުމަށް މުއިއްޒާ އެކު އިލެކްޝަންސް އަށް ވަޑައިގެންނެވީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ އެސްޖީ އަހުމަދު ތޮލާލް އެކަންޏެވެ. ރައީސް ޔާމީންގެ ތާއީދު މުއިއްޒަށް އޮތްކަން ހާމަވީ ފޯމުލުމަށް އިލެކްޝަންސް އަށް ވަޑައިގެން އިންވަނިކޮށެވެ. އަނބިކަނބަލުން ފާތިމަތު އިބްރާހިމް މެދުވެރިކުރައްވައި ރައީސް ޔާމީން ފޮނުއްވި މެސަޖަކުންނެވެ. އެކަމަކު އޭގެ ފަހުން ވެސް ޕީޕީއެމްގެ ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުން އުޅުއްވީ މުއިއްޒާ ތަންކޮޅެއް ދުރުގަ އެވެ. މިހާރު ގާތްވެލައިގެން އެ އުޅެނީ އެހެން އެއްވެސް ގޮތެއް ދެން ނެތުމުންނެވެ.

ރައީސް ޔާމީން ނެތް ހާލަތެއްގައި މުއިއްޒަށް ވެރިކަމާއި ޕާޓީގެ ބާރުތައް ލިބިއްޖެ ނަމަ ރައީސް ޔާމީން ބާކީވެދާނެތޯ އެއީ އެތައް ބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. ވެރިކަން ލިބިވަޑައިގަތުމުން ރައީސް ޔާމީން ވެސް ވަނީ ޕާޓީގެ ތެރޭން ރައީސް މައުމޫން އަބްދުލްގައްޔާމް އެކެހެރި ކުރައްވާށެވެ. އެންމެ ފަހުން މައުމޫނަށް ޖެހިވަޑައިގެންނެވީ އެމަނިކުފާން އުފެއްދެވި ޕީޕީއެމުން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވާށެވެ.

ފާރިސް މައުމޫނާއި ރައީސް މައުމޫން: ފާރިސް ގެންދަވަނީ ރައީސް ކަމަށް ކުރިމަތި ލެއްވުމަށް މަސައްކަތް ކުރައްވަމުން

ވެރިކަން ލިބިވަޑައިގަތުމުން ރައީސް ސޯލިހު ވެސް ވަނީ ރައީސް ނަޝީދުގެ "އުނދަގޫ" ވެރިކަން ހިންގުމަށް ބޮޑުކޮށްފި ކަމަށް ދޭހަވާ މޭރުމަކުން އިޝާރާތް ކުރައްވައިފަ އެވެ. ރައީސް ސޯލިހު ގެންދެވީ ނަޝީދަށް ބާރު ނުހިންގެވޭ ވަރަށް ޕާޓީގެ ކޮންޓްރޯލް ނަންގަވަމުންނެވެ. އެންމެ ފަހުން ނަޝީދަށް ޖެހިވަޑައިގެންނެވީ އެމަނިކުފާން އުފެއްދެވި އެމްޑީޕީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވާށެވެ. އެހެންވެ ރައީސް ޔާމީންއާ މެދު މުއިއްޒު ވެސް މިފަދައިން ކަންކުރައްވަފާނެތޯ ވަރަށް ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދެ އެވެ. ބައެއް ބޭފުޅުން ކެމްޕޭން ޖަލްސާތަކުގައި ވިދާޅުވެފައިވާ ގޮތުގައި މަގާމާއި އާރާއި ބާރު ހޯއްދެވުމަށް މުއިއްޒު ކޮންމެފަދަ ކަމެއް ވެސް ކުރައްވަފާނެ އެވެ. އެހެންވެ ރައީސް ޔާމީންގެ ޕަޕެޓަކަށް މުއިއްޒު ވެދާނެ ކަމާމެދު އެއްޗެއް ބުނަން އަދި ނޭނގެ އެވެ.

ޕީޕީއެމުން ފުރުސަތު ނުދިނުމުން ޑރ. ވަހީދު ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި އެ ޕާޓީ ދޫކުރައްވައި ޖުމްހޫރީ ޕާޓީ އަށް ސޮއކުރައްވައި އެ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ތާއީދު ކުރައްވަން ނިންމަވައިފަ އެވެ. ޖުމްހޫރީ ޕާޓީގެ ޖަލްސާތަކުގައި ވަހީދު ގެންދަވަނީ ޕީޕީއެމަށް ލައްކަ އެއްޗެހި ގޮވަމުންނެވެ. ރިޔާސީ ޓިކެޓް މުއިއްޒު ވަގަށް ނެގި ކަމުގެ ތުހުމަތު ވެސް ކުރައްވަ އެވެ.

ޑރ.ވަހީދު ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރައްވަނީ: ފޮޓޯ: ޖޭޕީ

ކޮންމެ ގޮތެއްވިޔަސް ކުރީގެ ރައީސް ވަހީދުގެ ފަހަތުގައި މިފަހަރު ރިޔާސީ ކެންޑިޑޭޓެއް އެބަހުއްޓެވެ. ގާސިމް އިބްރާހިމަކީ ފައިސާ އާއި ތަނަވަސްކަމާއި ނުފޫޒުގެ ގޮތުން ދަށް ބޭފުޅެއް ނޫނެވެ. އެކަމަކު ގާސިމަށް ވެރިކަމަށް އާދެވިއްޖެ ނަމަ، ޔަގީންވާ ކަމަކީ ރައީސް ވަހީދުގެ ޕަޕެޓަކަށް އެމަނިކުފާނު ނުވާނެ ކަމެވެ. ސަބަބަކީ ވަހީދަކީ ސިޔާސީ ގޮތުން މާބޮޑު އުރައްޕެއް ހުރި ބޭފުޅަކަށް ނުވާތީ އެވެ. ވެރިކަމުގައި ހުންނަވައިގެން ވެސް ރައީސް ކަމަށް ކުރިމަތިލައްވައިގެން ލިބިވަޑައިގެންނެވީ އެންމެ ފަސް ޕަސެންޓް ވޯޓެވެ. ޖޭޕީގެ ވެސް ފުލް ކޮންޓްރޯލް އޮތީ ގާސިމަށެވެ. ޖޭޕީގައި ވަހީދު ހުންނެވީ ނަމަކަށެވެ. އެހެންވެ ބޮޑަށް ބެލެވެނީ ވަހީދު ވާނީ ގާސިމްގެ ޕަޕެޓަކަށް ކަމަށެވެ.

ކުރީގެ ރައީސް މައުމޫނަށް އިންތިޚާބުގައި ވާދަކުރެއްވުމަކަށް ގާނޫނީ ހުރަހެއް ނެތެވެ. ނަމަވެސް އެމަނިކުފާނުގެ އުމުރުފުޅަށް ބަލައި އެފަދަ ކަމަކަށް ކުރިމަތިލެއްވުން އާއްމުން މިހާރު ބަލައެއް ނުގަންނާނެ އެވެ. އެހެންވެ އެމަނިކުފާނު އުފެއްދެވި ޕާޓީ، އެމްއާރުއެމްގައި ގާނޫނު ބުނާ އަދަދަށް މީހުން ހަމަނުވެގެން ޕާޓީ އުވާލުމުގެ މަރުހަލާ ކޯޓުގައި އޮތުމުން، އިންތިޚާބަށް އަމިއްލަ ގޮތުން ނެރުއްވީ ދަރިކަލުން ފާރިސް މައުމޫނެވެ. ފާރިސް އަކީ ވެސް އާދައިގެ ބޭފުޅެއް ނޫންކަން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ރިޔާސީ ބަހުސަށް ފަހު ގިނަ ބަޔަކު ގަބޫލްކޮށްފި އެވެ. ފާރިސްގެ ސިޔާސަތުތަކާއި ވާހަކަ ދެއްކުމުގައި ގެންގުޅުއްވި ސާދާ ގޮތް އާއްމުންގެ ތެރޭން ގިނަ ބަޔަކު ބަލައިގެންފި އެވެ. އެހެންވެ ރިޔާސީ އިންތިޚާބުގައި ވޯޓުދޭނެ ކެންޑިޑޭޓަކާ މެދު މިހާތަނަށް ގޮތް ނުނިންމާ ތިބި ވަރަށް ގިނަ މީހުން ފާރިސްގެ ކޮޅަށް އެނބުރުގެ ފުރުސަތު ބޮޑެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު ސަންގު ޓީވީން ގެނެސްދިން ބަހުސަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯލަށް ވަޑައިގަންނަވަނީ. ފޮޓޯ: އެމްޑީޕީ

ފާރިސް އަށް ވެރިކަމުގެ ބާރުތައް ލިބިވަޑައިގެންފި ނަމަ ބައްޕާފުޅުގެ ލަފާ އާއި އިރުޝާދު ހޯއްދަވާނެކަން އެއީ ކަށަވަރު ކަމެކެވެ. ރައީސް މައުމޫންގެ ހަތަރު ބޭފުޅުންގެ ތެރޭން ސިޔާސީ ގޮތުން ބައްޕާފުޅާ އެންމެ ގާތް ގުޅުމެއް ބާއްވަވަނީ ވެސް ފާރިސް އެވެ.

އިންތިޚާބުގެ ނަތީޖާ އަންނާނެ ގޮތް އެކި މީހުން އެކި ގޮތަށް ލަފާކުރެ އެވެ. މި ހުރިހާ ކަމެއް އަންނަ ހޮނިހިރު ދުވަހުގެ ރޭ ސާފުވާނެ އެވެ. ކުރީގެ ރައީސުންގެ ތެރޭން އާއްމުންގެ ތާއީދު ބޮޑު ބޭފުޅެއް ވެސް އެނގިގެންދާނެ އެވެ. އަދި އަމިއްލަފުޅަށް ވެރިކަން ނުކުރެއްވުނު ނަމަވެސް ރިޔާސީ އާ ދައުރުގައި ކުރީގެ ރައީސުންގެ ނުފޫޒާއި ބާރު ހިންގޭނެ މިންވަރު ސެޕްޓެމްބަރު 9 ގެ ފަހުން އެނގިގެން ދާނެ އެވެ. ވެރިކަމަށް ކުރިމަތި ނުލެއްވޭ ހާލަތުގައި ވެސް އުޅުއްވީ ބަދަލު ކެންޑިޑޭޓުން ނެރެގެން ވެސް ވެރިކަމުގެ ބާރުތައް ހޯއްދަވާށެވެ.