މިއަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓާ މެދު ގޮތެއް ނުނިންމާ ތިބި މީހުން ވެސް މިހާރު އެމްޑީޕީއަށް ތާއީދުކުރަމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެއަތޮޅު ކުމުންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ގިނަ އަދަދެއްގެ ރައްޔިތުން އެމްޑީޕީއަށް ތާއީދުކުރަމުން އަންނަ ކަން ކެމްޕެއިންގެ ދަތުރުތަކުން ފާހަގަވާ ކަމަށެވެ. އެގޮތުން ވޯޓު ލާން ވަކި ކެންޑިޑޭޓެއް ނުނިންމާ ތިބި މީހުން ވެސް މިހާރު އެމަނިކުފާނަށް ވޯޓު ލުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ހދ އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން. :ފޮޓޯ އެމްޑީޕީ

ރައީސް ވިދާޅުވީ ކޮންމެ ރަށަކުން ވެސް ފެންނަނީ ރިޔާސީ އިންތިހާބު އެއްބުރުން އެމްޑީޕީއަށް ކާމިޔާބު ކުރުމަށް ރައްޔިތުން ތައްޔާރަށޭ ތިބޭ މަންޒަރު ކަމަށް ރައީސް ވިދާޅުވި އެވެ.

"ބައެއް ރަށްރަށުގައި ވަކި ގޮތެއް ނުނިންމާ ތިބި ބޭފުޅުން ވެސް ގޮތް ނިންމުން ދާތަން ފެނޭ، ކޮންމެ ރަށަކުން އެމްޑީޕީއާ ގުޅެމުންދާތަން ފެންނަނީ މިކަން އެއްބުރުން ނިންމަން ތިބިތަން،" ރައީސް ވިދާޅުވި އެވެ.

ހދ އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން. :ފޮޓޯ އެމްޑީޕީ

ހުރިހާ ރަށަކުން ވެސް ފެންނަނީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީއާއެކު ރައްޔިތުން ތިބިތަން ކަމަށާ ހިޔާލު ހޯދުމުގެ ވޯޓުން ވެސް ދައްކަނީ އެމްޑީޕީއަށް އެއްބުރުން ކާމިޔާބު ވަމުން ދާތަން ކަމަށް ރައީސް ވިދާޅުވި އެވެ.