އއ. އަތޮޅުގައި ތަރައްގީ ކުރާ ފުރަތަމަ އެއާޕޯޓް މަތިވެރި ފަޅުގައި ތަރައްގީކުރާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެއަތޮޅު މަތިވެރިއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އަރިއަތޮޅަކީ ރާއްޖޭގައި ފަތުރުވެރިކަން އެންމެ ކުރިއަރާފައި އޮތް އަތޮޅު ކަމަށް ވިޔަސް، އެ ސަރަހައްދަށް އަދިވެސް ޓޫރިޒަމް ފުޅާވާން ޖެހޭ ކަމަށެވެ. އެގޮތުން އެރަށާއި އެ ސަރަހައްދުގެ ފަތުރުވެރިކަން އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން މަތިވެރި ފަޅު ހިއްކާ އެތަނުގައި އެއާޕޯޓެއްގެ އިތުރުން ރިސޯޓެއް ތަރައްގީ ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އަދި އެއާޕޯޓަށް ބިން ހިއްކާއިރު، އެ ކަން ކުރާނީ ރަށަށް ބޭނުންވާ ވަރަށް ބިން ހިމަނައިގެން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"މި ރަށުގައި ބިމެއް ނެތް، ހުސްވެފައި އޮތީ. މުސްތަގްބަލަށް ބޭނުންވާ ޖާގަ އާއި ގެދޮރަށް ބޭނުންވާ ޖާގައާ އެކީގައި އެއާޕޯޓާ އެކީގައި ރަށަށް ބޭނުންވާ ބިމާ އެކީގައި ހިއްކާ ގޮތަށް،" މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން، މުއިއްޒު ވަނީ އެ ރަށުގައި މި ސަރުކާރުން ހިންގަމުން އަންނަ މަޝްރޫއުތައް ލަސްކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، އޭނާ ވިދާޅުވީ މި ސަރުކާރުން ހިންގި ގިނަ މަޝްރޫއުތައް އޮތީ ހުއްޓިފައި ކަމަށާއި، އެ މަސައްކަތްތައް ނުނިމި ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.
"މި ސަރުކާރުން އެބަ ބުނޭ ޕީޕީއެމްގެ ސަރުކާރެއްގައި އެ މަޝްރޫއުތައް ކުރިއަށް ނުގެންދާނޭ، ހުއްޓުވާނޭ،" ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، އޭނާއަށް ވެރިކަން ލިބިއްޖެ ނަމަ މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓާލާނެ ކަމަށް ދައްކާ ވާހަކައަކީ އޮޅުވާލުމެއް ކަމަށެވެ.
"ހިނގަހިނގާ އަދި ފަށަން ތައްޔާރުވެފައި އޮތް މަޝްރޫއެއް ވިޔަސް ހުއްޓައެއް ނުލާނަން، އަޅުގަނޑުމެން މި އަންނަނީ ފައްޓައިގެން ބާރަށް ކުރިއަށް ގެންދަން، ހަމައެކަނި ބާރަކަށް ނޫން ރައްޔިތުން ބޭނުވާ ގޮތަށް ކުރިއަށް ގެންގޮސް ނިންމަ ދޭނަން، އިންތިހާބާ ދިމާކޮށް ކަނޑަޖަހަން ސޮއިކޮށްފައި ހުރި އެގްރިމެންޓްތައްވެސް އެބަހުރި ބައެއް ރަށްރަށުގައި އެހެންހުރި މަޝްރޫއުތައް ހިމަނައިގެން ކުރިއަށް ގެންދާނީ،" މުއިއްޒު ވިދާޅުވި އެވެ.