ޤާނޫނީ ހަމަތަކުގެ މަތީން ރައީސް ޔާމީން މިނިވަންކޮށް، އަނިޔާވެރިކަމާ ބަދަލުހިފުމުގެ ރޫޙު ނިމުމަކަށް ގެންނާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ނިންމާ ރައްޔިތުންނަށް ފަހު ބަސް އިއްވުމަށް ފޮނުއްވި ހިތާބުގަ އެވެ.

މުއިއްޒު ވިދާޅުވީ ޕީޕީއެމާ، ޕީއެންސީގެ ކޯލިޝަނުން، ދިވެހީންގެ ރާއްޖެ ދިވެހީންނަށް އަނބުރައި ހޯދައިދިނުމަށްޓަކައި ރިޔާސީ އިންތިހާބުގައި ވާދަކުރަން ނުކުމެ މިތިބީ ވަރުގަދަ އަޒުމެއްގައި ކަމަށެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހު ގާނޫނީ ހަމަތަކުގެ މަތީން ރައީސް ޔާމީން މިނިވަންކޮށް، އަނިޔާވެރިކަމާ ބަދަލުހިފުމުގެ ރޫޙު ނިމުމަކަށް ގެންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ގައުމަށް ރަށްވެހިކަމާ އާރޯކަމުގެ އާ ޒަމާނެއް ގެނަސްދޭނެ ކަމަށާ ކޮންމެ ދިވެހިރައްޔިތަކަށް ހިޔާވަހިކަމާ އާމުދަނީގެ މަގުތަކާ ވަޒީފާގެ ފުރުސަތު ކަށަވަރުކޮށްދޭނެ ކަމަށެވެ. އަދި ދިރިއުޅުމުގެ ހަރަދުތައް ކުޑަކޮށްދީ، ތައުލީމާ ސިއްޙަތާ އިޖްތިމާ ކަންކަން ހަރުދަނާކޮށްދީ، ރައްޔިތުން އެދޭ ތަރައްގީ އަމަލީގޮތުން ގެނަސްދޭނޭ ސަރުކާރެއް ގާއިމް ކޮށްދޭނެ ކަމަށް މުއްިޒު ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު މި ވަޢުދުވަނީ، ދިވެހި ލޮބުވެތި ރައްޔިތުން އެދިވަޑައިގަންނަވާ އަމާޒަށް މި ދިވެހިރާއްޖެ ގެންގޮސްދިނުމަށް. ރެޔާ ދުވާލު ތެދުވެރިކަމާއެކު ގައުމަށް ޚިދުމަތްކޮށް، މި ޤައުމުގެ މަޖްދާ ކަރާމާތް ނެގެހެއްޓުމަށް. ދިވެހި ޤައުމަށާ ރައްޔިތުންނަށް ބާއްޖަވެރި ތަނަވަސް ދުވަސްތަކެއް ހޯދައިދިނުމަށް،" މުއިއްޒި ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ފަސް އަހަރުގެ ވެރިކަމުގެ ދައުރެއް ނިމެމުންދާއިރު އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް ތެދުވެރިކަމާއެކު ޖަވާބުދޭން ޖެހޭ ސުވާލުތަކެއްް އެބަހުރި ކަމަށެވެ. އެގޮތުން މި 5 އަހަރުގެ ތެރޭ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހާލަތުވީ ރަނގަޅުތޯ؟ ދިރިއުޅުމުގެ ހަރަދު ބަރަދަށް ލުއިކަމެއް ލިބުނުތޯ؟ އާރުލާ ކަހަލަ ތަރައްޤީގެ ނިޝާންތަކެއް ޤައުމުން ފެންނާން އެބަހުރިތޯ؟ މުއިއްޒު ސުވާލުއުފެއްދެވި އެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓު މުއިއްޒު އަސް ލިބިވަޑައިގަތުމާއި އެކު އެންމެ ފުރަތަމަ ވެސް ވިދާޅުވަމުން ގެންދެވީ ގާނޫނީ ހަމަތަކުގެ މަތީން ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށެ.

ރައީސް ޔާމީންގެ ވެރިކަމުގައި ވ. އާރަށް ޓުއަރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދިނުމާސް ހިންގި މުއާމަލާތްތަކާއި ގުޅުގެން އެމަނިކުފާނަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި އެހުކުމާއި ގުޅިގެން އެމަނިކުފާނަށް ރިޔަސީ އިންތިހާބުގައި ވަދަ ކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.