ރިޔާސީ އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި މިއަދު ފަށައިފި އެވެ.
އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 8:00 ޖެހިއިރު އެވެ. ވޯޓުލާ ނިންމަން ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ޖަހާއިރު އެވެ.
މިއަދު ހެނދުނު 8:00 ޖެހުމުގެ މާކުރިން ގިނަ ބަޔަކު ވަނީ ވޯޓުލުމަށް ކިއު ހަދާފަ އެވެ. އެހެންކަމުން ގިނަ ސަރަހައްދުތަކުގައި ބަރާބަރު ގަޑިއަށް ވޯޓުލާން ފެށިފައިވެ އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282395 މީހުންނަށް ލިބިފައިވާއިރު ޖުމްލަ 574 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ. މާލެ ސަރަހައްދުގައި އެކަނިވެސް 176 ފޮށި ބަހައްޓަން ނިންމާފައި ވާއިރު ރާއްޖޭން ބޭރުގެ ފަސް ގައުމެއްގައި އަށް ފޮށި ބަހައްޓާނެ އެވެ. މިއީ މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިހާބެވެ.
ރިޔާސީ އިންތިހާބަށް ހާއްސަ ކޮށްގެން 285219ވޯޓު ކަރުދާސްކޮޅު ޗާޕްކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި މި އިންތިހާބުގައި 5،500 ގިނަ އޮފިޝަލުން ހަރަކާތްތެރިވެ އެވެ.
އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ޕާޓީއާއި މީޑިއާތައް ހިމެނޭހެން އޮބްޒާވަރުންނާ މޮނިޓަރުންގެ ގޮތުގައި 1700 އަށްވުރެ ގިނަ މީހުން ބައިވެރިވެ އެވެ. މިއީ ރިޔާސީ އިންތިޚާބު މޮނިޓަރކުރުމަށްވެސް މިހާ ގިނަ ބަޔަކު ބައިވެރިވާ ފުރަތަމަ ފަހަރެވެ.
އިންތިހާބުގައި އަށް ކެންޑިޑޭޓަކު ވާދަކުރައްވާއިރު މިއީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިހާބެއްގައި ވާދަކުރާ ފަހަރެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތަކުން ނެރޭ ފަސް ކެންޑިޑޭޓެއްގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓެކެވެ.
ވޯޓު ލާން ބޭނުން ކުރެވޭނެ ލިޔެކިޔުންތައް- މުއްދަތު ހަމަ ނުވާ އައިޑީ ކާޑު
- މުއްދަތު ހަމަނުވާ ޕާސްޕޯޓު
- މުއްދަތު ހަމަނުވާ ޕާސްޕޯޓު ކާޑު
- މުއްދަތު ހަމަނުވާ އެއްގަމު އުޅަނދު ދުއްވާ ލައިސަންސް