މިއިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވޯޓުލާފައި. މިހާތަނަށް އައިރު 36,000 މީހުން ވޯޓުލާފައިވޭ

މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވައިފި އެވެ.

އެމަނިކުފާނު ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ޅ. ހިންނަވަރު ރައްޔިތުންނަށް ހާއްސަ ވޯޓު ފޮއްޓަށެވެ.

ރައީސް ސޯލިހުގެ އިތުރުން ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ވޯޓު ލައްވައިފަ އެވެ. މުއިއްޒު ވޯޓުލެއްވީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި މާފަންނު ދެކުނު ދާއިރާގެ ދެ ނަމްބަރު ފޮށްޓަށެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް

މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމާއި އަމިއްލަ ކެންޑިޑޭޓު ހަސަން ޒަމީލާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު އަދި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރާއި ފާރިސް މައުމޫން ވެސް ވަނީ މިހާރު ވޯޓުލައްވައިފަ އެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މިހާރުގެ ނައިބް ރައީސް ފައިސަލު ނަސީމް ވެސް ވަނީ ވޯޓުލައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވޯޓުލުމުގެ ކަންތައް މިހާރު ފެށިފައިވާއިރު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282,395 މީހަކަށް ލިބިގެންވެ އެވެ.

އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ފާރިސް މައުމޫން

އިންތިހާބަށް ޖުމުލަ 574 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އޭގެތެރެއިން މާލެ ސަރަހައްދުގައި 176 ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.