އއ. ރަސްދޫގެ ވޯޓުލާ މަރުކަޒުގައި ހިނގި ހަމަނުޖެހުން ހައްލުކޮށް މިހާރު އަލުން ވޯޓުލުން ފަށައިފި އެވެ.

ރަސްދޫގައި ވެސް ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދު 8:00 ގަ އެވެ.

ރަސްދޫގައި ވޯޓުލުން މެދު ކަނޑާލާފައި ވަނީ ވޯޓުލާ މަރުކަޒުގައި ދެ އޮފިޝަލަކު ގަވާއިދާ ހިލާފަށް ހަރަކާތްތެރި ވަމުންދާ ކަމަށް ބުނެ އެވެ.

އެމައްސަލަ ހައްލުކޮށް މިހާރު ވަނީ ވޯޓުލުން ފަށައިފަ އެވެ. ވޯޓުލުން އަލުން ފެށީ ވޯޓު ލާ މަރުކަޒަށް އެއްވި މީހުންނާއި ޕީޕީއެއެމްގެ އޮބްޒާވަރުން ވެސް އެތަނުން ނެރުމަށްފަހު އެވެ.

އެ ދެ އޮފިޝަލުންނަކީ ރަސްދޫ އަށް ޑރ. މުއިއްޒު ވަޑައިގެންނެވި ދުވަހު މުއިއްޒުއަށް މަރުހަބާ ކިޔަން ނިކުތް ދެ އޮފިޝަލުންނެވެ. މިހާރު ވަނީ އެ ދެ އޮފިޝަލުންނާއި ރަސްދޫ ވޯޓު ފޮށީގެ އިސްވެރިޔާ ބަދަލުކޮށްފަ އެވެ.

އިލެކްޝަންސްގެ ގަވައިދުގައި ބުނާ ގޮތުން އިންތިހާބީ އޮފިޝަލުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ މަނާ ކަމެކެވެ.

އެ ދެ އޮފިޝަލުން ނެރެފައިވަނީ ވޮޓުލުން ފެށިތާ ދެ ގަޑި އިރު ފަހުންނެވެ. އެހެންވެ ރައްޔިތުން ނުކުމެ ހިތްހަމަ ނުޖެހުން ފާޅުކުރުމުން ވޯޓުލުން ވަނީ މެދު ކަނޑާލައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު "ހުރިހާ" އަށް ވިދާޅުވީ ރަސްދޫގެ ވޯޓުލުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކޮމިޝަނުން ބަލަމުން އަންނަ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ އޮފިޝަލަކާއި ވޯޓުލާ މަރުކަޒުގެ އިސްވެރިޔާ ބަދަލު ކުރުމަށް ވޯޓުލުން މެދު ކަނޑާލާފައިވާ ކަމަށެވެ. އަދި ވީހާ ވެސް އަވަހަށް އެކަން ހައްލުކޮށް ވޯޓުލުން ފަށާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.