މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ހައިރާންކުރުވަނިވި ނަތީޖާއެއް ހޯދިދާނެ ކަމަށް ކުރިން ގަބޫލްކުރި މީހުން މަދުވާނެ އެވެ. އެކަމަކު އޭނާ ވަނީ އިންތިޚާބުގައި ވާދަކުރެއްވި ސިޔާސީ ގޮތުން އާރު ހުރި، ކުރިން ދައުލަތުގެ ބާރު ހުރި ވުޒާރާތައް ހިންގަވާފައިވާ ކެންޑިޑޭޓުން ފަހަތަށް ޖައްސާލުމަށް އަށް ފަހު، ކެންޑިޑޭޓުންގެ ތެރޭން ހަތަރު ވަނަ ހޯއްދަވައިފަ އެވެ. މިއީ ގިނަ ބަޔަކަށް ހަމަ ސަޕްރައިޒެކެވެ. ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ކުރީގެ ރައީސް، ކުރީގެ ފައިނޭންސް މިނިސްޓަރު، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު، ވޯލްޑް ބޭންކަށް ކަނޑައެޅި ރާއްޖޭގެ ކުރީގެ މަންދޫބު އަދި މީގެ ކުރިން ދެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ބޮޑު ކާމިޔާބެއް ހޯއްދަވާފައިވާ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ވިލާގެ ބާނީ އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް އާއި ކުރީގެ ބާރުގަދަ ޑިފެންސް މިނިސްޓަރު، ރާއްޖޭގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނީގެ ޕާޓްނަރު އަދި ދަގެނތީ ދާއިރާގެ މަޖިލިސް މެންބަރު ކާނަލް މުހައްމަދު ނާޒިމް އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރުން ފާރިސް މައުމޫން ބަލިކުރައްވައި ކުރިއަށްޖެހިވަޑައިގެންފާވާތީ އެވެ.
މި ދެންނެވި ބޭފުޅުންނާ ޚިލާފަށް އުމަރު ކެމްޕޭން ކުރެއްވީ ވަރަށް އާދައިގެ ގޮތަކަށެވެ. ރާއްޖޭގެ އަތޮޅުތަކަށް ވަޑައިގެން އުމަރު ކެމްޕޭން ކުރެއްވި ތަނެއް ނުފެނެ އެވެ. ހަމައެކަނި ކުރެއްވިހާ ވެސް ކަމަކީ މާލޭގައި ކަންމަތީ ބައްދަލުވުންތަކެއް ބާއްވައި ހުޅުމާލެ އާއި ވިލމާލޭގައި ކުޑަގޮތަކަށް ރެލީއެއް ބާއްވާލުމެވެ. ދެން ފެނުނީ އޭނާ އާއްމުކޮށް ގެންގުޅޭ ޝިއާރު ކަމަށްވާ "ހައްލަކީ އުމަރު" ކަމަށް ލިޔެފައިވާ މަދު ބެނާތަކެކެވެ. އެކަމަކު އެ ވެސް ދެތިން ހަތަރު ތަނަކުންނެވެ. އުމަރުގެ މެސެޖް އާއްމުންނަށް އެންމެ ބޮޑަށް ފޯރުކޮށްދީފައި ވަނީ ސޯޝަލް މީޑއާ މެދުވެރިކޮށެވެ.
އެކަމަކު އުމަރުގެ މެސެޖް ވަރަށް ސާފެވެ. އޭނާ ވަކާލާތު ކުރައްވަމުން ގެންދެވީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވާނެ ކަމަށާއި ގޭންގުތައް ނައްތާލާ ރާއްޖެ އަމާން ތަނަކަށް ހަދާނެ ކަމަށެެވ. ރާއްޖެ އިން އިންޑިއާ ސިފައިން ބަލައި ވަކި ގައުމަކަށް ބަރޯސާވުން ކުޑަކުރާނެ ކަމަށެވެ. އޭނާގެ ސަރުކާރެއްގައި ކޮރަޕްޝަނަށް ޖާގައެއް ނޯންނާނެ ކަމަށެވެ. ވެރިކަން ކުރާނީ އިސްލާމީ ޝަރީއަތުގައި ހިފައިގެން ކަމަށް ތަކުރާރުކޮށް އުމަރު ގެންދެވީ ވިދާޅުވަމުންނެވެ. އުމަރުގެ މި މެސެޖް ރައްޔިތުން މި ވަނީ ބަލައިގެންފައިކަން އިންތިޚާބުގެ ނަތީޖާ އިން ހާމަވެ އެވެ.
އުމަރުގެ މަގްބޫލްކަން އެންމެ ބޮޑަށް ބޮޑުވެފައި ވަނީ ވޯޓުލުމުގެ ހަފުތާއެއްހާ ދުވަސްކުރިން ބޭއްވި ރިޔާސީ ބަހުސަށް ފަހު އެވެ. އެ ބަހުސްގައި މޮޑަރޭޓަރުގެ ސުވާލުތަކަށް އުމަރު ގެންދެވީ ވަރަށް ކެރުންތެރިކަމާއި އިތުބާރާ އެކު ޖަވާބު ދެއްވަމުންނެވެ. ސްކޫލް ނިމޭ ކުދިން ގައުމީ ޚިދުމަތަށް ނެރެ އަޚުލާގު ރަނގަޅު މުޖްތަމައެއް ބިނާކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އުމަރަކީ ކުރިން ސިފައިންގެ ތެރޭގައި އުޅެފައި ހުރި މީހަކަށް ވުމުން އެ ސިފަ އޭނާގެ ފަރާތުން މިހާރު ވެސް ފެނެ އެވެ. އޭނާ ހަރުކަށިވާނެ ކަމަށް ވިދާޅުވި އެވެ. އިސްލާމީ ޝަރީއަތުގައި ހިއްޕަވާނެ ކަމަށް ވިދާޅުވި އެވެ.
ގިނަކަންޏާ ކަހަލަ ގޮތަކަށް ނުކުންނަވައި މި އިންތިޚާބުގައި 6،300 އަށް ވުރެ ގިނަ ވޯޓު ނުވަތަ ވޯޓުލީ މީހުންގެ ގާތްގަނޑަކަށް ތިން ޕަސެންޓް ވޯޓު ހޯއްދެވުމަކީ އުމަރަށް ވަރަށް ބޮޑު ކާމިޔާބީއެކެވެ. އަދި ދެ ވަނަ ބުރެއްގައި އޭނާގެ އެހީ ހޯދަން ޖެހޭ ފަދަ ނަތީޖާ އެކެެވެ. އެންމެ ބޮޑަށް ފާހަގަވާ ކަމަކީ ގާސިމް އިބްރާހިމް އާއި ކާނަލް ނާޒިމް ފަދަ އިންތިޚާބަށް ބޮޑު ޚަރަދެއްކޮށް ފުޅާ ކެމްޕޭނެއް ކުރި ކެންޑިޑޭޓުން ފަހަތަށް ޖައްސާލައި އުމަރު ހޯއްދެވި ރަނުން ފަވާލާ ވަރުގެ ބޮޑު ކާމިޔާބީ އެވެ. ގާސިމަށް މި ފަހަރު ލިބިވަޑައިގެންނެވީ 5،500 ވަރަކަށް ވޯޓެވެ. ނާޒިމަށް 1،890 ވަރަކަށް ވޯޓެވެ.
އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އުމަރަށް އެ ފަަހަރު ލިބިވަޑައިގެންނެވީ ގާތްގަނޑަކަށް 2،400 ވަރަކަށް ވޯޓެވެ. އެއް ފަހަރަކު މާލޭގެ މެންބަރު ކަމަށް ވެސް އުމަރު ވާދަކުރެއްވި އެވެ. އެ ފަހަރު މުޅި މާލޭން ވެސް ލިބިވަޑައިގެންނެވީ 900 ވަރަކަށް ވޯޓެވެ.
އެހެންވެ، އަޒުމު ވަރުގަދަ، ބުނާ ބަހުގައި ހިފަހައްޓަވައި އުމަރު ފެށުނީއްސުރެ ގެންގުޅުއްވާ ހައްލަކީ އުމަރު ކަމަށް ބުނާ ޝިއާރު އާއްމުން މި ވަނީ ބަލައިގަންނަން ފަށައިފަ އެވެ.
އުމަރާ ދީނީ ޢިލްމުވެރިން ކަލެއާ އެއްގަލަކަށް ނާރަނީ ކަލޭ ދީނީކަންތައް ކުރާތަން ނުފެންނާތީއޯ، އެކަމު މަގޭ ނަޒަރުގަ އެއީ ދެއްކެންޖެހޭ ވަރު ކަންތައްތަކެއްނޫން