އެމްޑީޕީން ވިސްނަންވީ ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު ދުރުކޮށް ޕީޕީއެމްއާ އެކު އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމްކުރަން ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ކުރި ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.

ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު ވަނީ 15 ވަރަކަށް ހާސް ވޯޓު ހޯއްދަވައިފަ އެވެ. އެހެންވެ ގިނަ ބައެއްގެ ނަޒަރުގައި ދެވަނަ ބުރުގެ ކިންގްމޭކާ އަކަށް ވާނީ ޑިމޮކްރެޓްސް އެވެ.

ރައީސް ނަޝީދުގެ ނުރަސްމީ "އެކްސް" އެކައުންޓް "އެމްއެން އަންއޮފިޝަލް" ގައި ވިދާޅުވީ އެމްޑީޕީން ސީރިއަސްކޮށް ވިސްނަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞޯލިހުއާ އެމްޑީޕީ ދުރުކޮށް، ޕީޕީއެމްއާ އެކު ގުޅިފައިވާ ސަރުކާރެއް އުފެއްދުމަށް ކަމަށެވެ.

ރައީސް ނަޝިދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ގައުމީ ކައުންސިލުން ރާއީސް ޞޯލިހަށް ދޭ ތާއީދު އަނބުރާ ގެންދިއުމަށް ނިންމައި، ހުރިހާ ޕާޓީތަކާ އެކު ގުޅިފައިވާ ސަރުކާރެއް އުފެއްދުމަށް އެއްބަސްވެވޭނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނާނީ ޑރ. މުއިއްޒު ކަމަށް ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް ސޯލިހަށް 85،989 ވޯޓު ނުވަތަ %39 އާ އެކު ލިބިވަޑައިގެންނެވީ ދެ ވަނަ އެވެ. އެއްވަނައަށް ދަތުރުކުރެއްވި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަަށް 100،691 ވޯޓާ އެކު %46 ލިބިވަޑައިގެންނެވި އެވެ.