ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ. އެމަނިކުފާނާ އެކު ކޯލިޝަން ހަދާފައިވާ އެހެން ޕާޓީތަކަށް ސަރުކާރުގެ މަގާމުތައް ދެއްވާނެ މިންވަރެއް އަދި ހަމައެއް ނުޖައްސަވަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޯލިޝަން ޕާޓީތަކާ އެކު މިވަގުތު ފޯކަސް ކުރަނީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށެވެ. މަގާމުތައް ބެހުމުގެ ކަންތައް އޭގެ ފަހުން ހަމަ ޖެއްސިދާނެކަމުގެ އަންޑަސްޓޭންޑިން ބައިވެރިންގެ މެދުގައި އެބައޮތެވެ. ޖުމުހޫރީ ޕާޓީގެ ލީޑަރު އަބަދު ވެސް ދައްކަވާ ވާހަކަފުޅެކެވެ. އެމަނިކުފާނުގެ ޕާޓިއަށް ކޯލިޝަނުން ދޭން އެއްބަސް ވެފައިވާ މިންވަރު ނުލިބޭ ވާހަކަ އެވެ. ސަރުކާރާއެކު ކޯލިޝަން ހަދާ ހުރިހާ ޕާޓީއަކުން ވެސް މި ޝަކުވާ ކުރެ އެވެ. އެހެންކަމުން ސަރުކާރާއެކު ޕާޓީތަކުން ކޯލިޝަން ހަދަނީ ވެރިކަން ލިބިއްޖެނަމަ ސަރުކާރުގެ މަގާމުތަކުގެ ތެރެއިން ވަކި އިންސައްތައެއް ދޭން އެއްބަސްވެގެންކަން އެނގެ އެވެ.
ކޯލިޝަން ހަދައިގެން އަންނަ ސަރުކާރުން އެ ޕާޓީތަކުން ހަދައިފައި އޮންނަ އެއްބަސްވުމަށް އަމަލުނުކުރިކަމުގައި ވިޔަސް ހެދޭނެ ވަކި ގޮތެއް އެޅޭނެ ވަކި ފިޔަވަޅެއް ނޯވެ އެވެ. ސަބަބަކީ ކޯލިޝަނާ ބެހޭ ވާހަކައެއް ގާނޫނުގައި ނެތުމެވެ. ގާނޫނުގައި އެވާހަކަ ނެތީވެސް ސަބަބަކާ ހެދި އެވެ. ދިވެހި ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމަކަށްވުމެވެ. ރިޔާސީ ނިޒާމުގައި ވެރިކަން ކުރަން ޖެހެނީ ރައްޔިތުންގެ ވޯޓަކުން ހޮވާ ރައީސެކެވެ. ރައްޔިތުން ވޯޓު ދޭން ޖެހެނީ ވަކި ޕާޓީއަކަށް ނޫނެވެ. އެމީހުންގެ ކުރި މައްޗަށް ނިކުންނަ ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން ފެންނަ މީހަކަށެވެ. ވަކި ޕާޓީއެއްގެ މީހެއް ނޫނެވެ. އެހެން ކަމުން ޕާޓީތަކުން ބައިއަޅައިގެން ރައީސަކު ހޮވުމަކަށް ގާނޫނު ތަނެއް ނުދެ އެވެ.
ރިޔާސީ ނިޒާމާ ޚިލާފަށް ޕާލަމެންޓަރީ ނިޒާމުގައި ސަރުކާރު ހިންގަން ހަވާލުކުރެވެނީ ޕާޓީއާ އެވެ. އެ ނިޒާމުގައި ސީދާ ވެރިކަމަށް އެއްވެސް މީހަކު ކުރިމަތިލާކަށް ނުޖެހެ އެވެ. އޭގެ ބަދަލުގައި ވެރިކަން ކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެ މަޖިލީހުގެ މެޖޯރިޓީ ލިބޭ ޕާޓީއެއްގެ އިސް ފަރާތް ނުވަތަ އެ ޕާޓީއިން އައްޔަންކުރާ އެހެން މެންބަރަކަށް ގައުމުގެ ސަރުކާރު ހިންގުމުގެ ބާރު ލިބެ އެވެ. ވަކި ޕާޓިއަކަށް މެޖޯރިޓީ ނުލިބިއްޖެ ހާލެއްގައި އެހެން ޕާޓީތަކުގެ ތާއީދު ހޯދައިގެން ވެރިކަން ކުރާނެ ޕާޓީއެއް ކަނޑައެޅުމުގެ ބާރު ގާނޫނީ ގޮތުން ޕާލަމެންޓަރީ ނިޒާމުގައި ލިބެ އެވެ. އެކަމަކު ރިޔާސީ ނިޒާމުގައި ސަރުކާރު ހިންގާ ވެރިޔަކު ނުވަތަ ރައީސް ހޮވަން ޖެހެނީ ސީދާ ރައްޔިތުންގެ ވޯޓުން ކަމަށް ވާތީ ޕާޓީތަކަށް އެކަމުގައި މާބޮޑު ބާރެއް ނޯވެ އެވެ.
ރިޔާސީ ނިޒާމާ ގުޅުން ނެތަސް ރާއްޖޭގެ މަލްޓި ޕާޓީ ޑިމޮކްރަސީގެ ހަޔާތުގައި ކޮންމެ ވެރިޔަކަށް ވެސް ވެރިކަމަށް މިހާތަނަށް އާދެވިފައި އޮތީ އިތުރު ޕާޓީތަކަކާ އެކު ކޯލިޝަން ހަދައިގެންނެވެ. އެކަމަށްޓަކައި އެއްބަސްވެވޭ އެއްބަސްވުންތަކުގައި ވެރިކަން ލިބިއްޖެ ނަމަ ސަރުކާރުގެ މަގާމުތަކުގެ ތެރެއިން ވަކި މިންވަރެއް ކޯލިޝަނުގެ ބައިވެރިންނަށް ލިބޭ ގޮތަށް އެއްބަސްވެ އެވެ. މިފަދަ އެއްބަސްވުންތަކަކީ ވޯޓު ގަންނަން ދޭ ރިޝްވަތެއް ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ. ވޯޓު ހޯދައި ދިނުމަށް މަސައްކަތްކޮށްގެން އެމަސައްކަތް ކާމިޔާބުވެ ރިޔާސީ ކެންޑިޑޭޓު މަގާމަށް ހޮވިއްޖެނަމަ އެއްޗެއް ދޭން ބުނުމަކީ ރިޝްވަތުގެ އަމަލަކަށް ބެލެވިދާނެ އެވެ.
ވޯޓު ހޯދުމަށްޓަކައި ހުށަހެޅޭ ފައިސާގެ އިނާމުތަކާއި މަގާމުގެ ކުރިއެރުންތަކެކޭ އެއްފަދައިން ކޯލިޝަން ހަދައިގެން ބައިއަޅަން އެއްބަސްވާ މަގާމުތަކަކީ ވެސް ވޯޓާ ގުޅޭ ކޮރަޕްޝަނުގެ އަމަލެއް ކަމަށް ވާނެ އެވެ. އެހެން އެކަން ވެއްޖެ ނަމަ ރާއްޖޭގެ ވެރިކަން ފެށެނީ ވެސް އަދި އެވެރިކަން ނިމެނީ ވެސް ކޮރަޕްޝަނުންނެވެ.