ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ޕީޕީއެމް އާއި އެމްޑީޕީން ހުށަހަޅާފައިވާ ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ދިޔައީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު އެވެ.

ޑރ. މުހައްމަދު މުއިއްޒުއަށް 100،691 ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް ޞޯލިހު އަށް ލިބިވަޑައިގެންނެވީ 85،260 ވޯޓެވެ. މި ފަހަރުގެ ކިންގްމޭކާ އަކަށްވީ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބެވެ. އިލްޔާސް އަށް ލިބިވަޑައިގެންނެވީ 15،528 ވޯޓެވެ.

ފާރިސް މައުމޫން އަށް ލިބިވަޑައިގެންނެވީ 3000 ވޯޓެވެ. އެއީ އިންތިހާބުގެ އެއް ޕަސެންޓެވެ.

ފާރިސް މިއަދު "އެކްސް" ގައި ވިދާޅުވީ އެކުގައި މަސައްކަތް ކުރުމަށް ރައީސް ޞޯލިހު އާއި ޑރ. މުއިއްޒު ދައުވަތު ދެއްވާފައިވާ ކަމަށެވެ.

ކޯލިޝަން ހެދުމުގެ ވިސްނުން އެބަހުރި ކަމަށާއި ނަމަވެސް އަދި ވަކި ބަޔަކާ ގުޅެން ނުނިންމާ ކަމަށް ފާރިސް ވިދާޅުވި އެވެ.

ކޯލިޝަން ހަދާ ބައެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.