ރައީސް މުހައްމަދު ނަޝިދު ވިދާޅުވި ގޮތަށް އެމްޑީޕީ ރޫޅާ ލެވިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލުމުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ހާސިލްކުރަން ބޭނުންވި މަގުސަދާއި ނަތީޖާ ނެރެވިއްޖެ ކަމަށް ދިވެހި ހުރިހާ ރައްޔިތުން ހެކިވާ ކަމަށެވެ.

އީވާ ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުޑަ ދުވަސް ކޮޅަކަށް ވެފައިވަނިކޮށް ޕާޓީއެއް އުފައްދަވައި، ރިޔާސީ އިންތިހާބުގައި ވާދަކޮށް ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައިވާ ކަމަށެވެ. އީވާ ވަނީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށާއި ރަނިންމޭޓް ހުސެން އަމްރު އަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

އީވާ ވިދާޅުވީ ޑިމޮކްރެޓްސް އަށް ރައީސް ނަޝީދު ސޮއިކުރެއްވި ރޭ ވިދާޅުވި ގޮތަށް އެމްޑީޕީ ރޫޅާލެވިފައިވާ ކަމަށެވެ.

"ހަގީގަތަށް ދަންނަވަންޏާ މަނިކުފާނު މި ޕާޓީ އުފެއްދުމާއެކު ވިދާޅުވި ރޫޅާލާނަމޭ، ރޫޅާލާނަމޭ. ސުވާލެއް ވެސް ނެތް، ރޫޅާ ލެވިއްޖެ،" އީވާ ވިދާޅުވި އެވެ.