މިމަހުގެ 30 ވަނަ ދުވަހު ބައްވާ ރިޔާސީ އިންތިހާބުގައި އެހެން ޕާޓީއަކާއެކު ކޯލިޝަން ހެދުމަށް ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް 8 މެމްބަރުން ހިމެނޭ ކޮމެޓީއެއް ދަ ޑީމޮކްރެޓްސް އިން އެކުލަވާލައިފި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާމެދު ގޮތެއް ނިންމުމަށް މިއަދު 3 ޖެހިއިރު ހައުސް އޮފް ޑިމޮކްރެޓްސްގައި ވަނީ އެޕާޓީގެ އިންޓަރިމް ކޮމެޓީގެ ބައްދަލުވުމެއް ބާއްވާފަ އެވެ.
ބައްދަލުވުމުގައި ބައިވެރިވި ގިނަ މެމްބަރުން ބުނެފައި ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން ކުރިއަށް ދާން ބޭނުންނުވާ ކަމަށެވެ. އަދި ބައެއް މެމްބަރުން ޕީޕީއެމްއާއެކު ކޯލިޝަން ހަދައިގެން ކުރިއަށް ދާން ހިޔާލު ހުށަހަޅަފައިވާއިރު، މި އިންތިހާބުގައި ވަކިގޮތެއް ނުނިންމާ މަޑުކުރުމަށް ވެސް ވަނީ ހިޔާލު ހުށަހަޅާފަ އެވެ.
ގިނަ މެމްބަރުން ވަނީ އެމްޑީޕީ އިން އެމެމްބަރުން ވަކިވުމަށް މަޖުބޫރުކުރުވާފައިވާ ކަމަށް ބުނެ އެނބުރި އެމްޑީޕީއާ ގުޅެން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.
މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ އެހެން ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް 8 މެމްބަރުން ހިމެނޭ ކޮމެޓީއެއް ނަގާފަ އެވެ. ކޮމެޓީ އެކުލަވާލީ ކައުންސިލް ބައްދަލުވުމަށް ހާޒިރުވެ ތިބި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ބައްދަލުވުމަށް ހާޒިރުވެ ތިބީ 56 މެމްބަރުންނެވެ. އަދި 8 މެމްބަރުންގެ ކޮމެޓީއެއް ނެގުމަށް ފަސްވީ 39 މެމްބަރުންގެ ވޯޓާ އެކު އެވެ.
އެކޮމެޓީގައި ހިމެނެނީ ޑިމޮކްރެޓްސްގެ ރިޔަސީ ޓިކެޓްގައި ވަދަ ކުރެއްވި ކެންޑިޑޭޓް އިލްޔާސް ލަބީބު، އަދި ރަނިންމޭޓް ހުސައިން އަމްރު، މުހައްމަދު ޝިފާޒް، އަލީ އާޒިމް، މުހައްމަދު ބަޝީރު، މުހައްމަދު އަންސަރު އީވާ، އަލީ އާޒިމް އެވެ.
ކައުންސިލް ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސްއަކީ ހުރިހާ ޕާޓީއަކާ އެކު ވެސް މަޝްވަރާ ކުރާނެ ޕާޓީއެއް ކަމަށެވެ. ހުރިހާ ޕާޓީއަކާ އެކު ވެސް މަޝްވަރާ ކުރެވެން ވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
"ރާއްޖޭގަ އޮތް ހުރިހާ ސިޔާސީ ޕާޓީއަކާއެކު ޑިމޮކްރެޓުންނަށް މަޝްވަރާ ކުރެވެން ވާނެ. އަދި އޭގެ މާނައަކީ އަޅުގަނޑުމެން ގޮތް ނިންމަނީއެކީއެއް ނޫން. އަޅުގަނޑުމެން ގޮތް ނިންމާނީ މަޝްވަރާ ކުރުމަށް ފަހު ކައުންސިލްގައި މަޝްވަރާ ކުރުމަށް ފަހު،" ހަސަން ވިދާޅުވި އެވެ.
އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ހަދަން ޕާޓީގެ ކައުންސިލުން ނޫން އެހެން ތަނަކުން ގޮތެއް ނުނިންމާނެ ކަމަށް ހަސަން ވިދާޅުވި އެވެ.