ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުުރުމަަށް ގާނޫނުއަސާސީއަށް އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މިއިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ބިލުތައް މަޖިލީހަށް ތައާރަފުކުރުމެވެ.

މަޖިލީހަށް ހުށަހެޅި އިސްލާހުގައި ވާގޮތުން ޖޭއެސްސީގެ މެންބަރުންގެ އަދަދު ހަތަކަށް މަދުކުރެވޭނެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި، ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ހަމަޖެއްސުމަށް އިސްލާހުގައި ވަނީ ހުށައަޅާފަ އެވެ.

ޖޭއެސްސީގައި މިހާރު ތިއްބަވަނީ 11 މެމްބަރުންނެވެ.

މިގޮތަށް ހުށައެޅުއްވީ ޝަރުއީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި، މިކަންކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުއީ ދާއިރާއާއި އެނޫންވެސް ފަރާތްތަކާއި ޤާނޫނީ ފަންނުގެ ދާއިރާއާއި މަދަނީ ޖަމްއިއްޔާތަކާއި އާންމުންގެ ހިޔާލާއި މަޝްވަރާގެ އަލީގައިކަމަށް ބަންޑާރަ ނާއިބު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެހެންނަމަވެސް ވެރިކަމުގެ ފުރަތަަމ ދައުރު ނިމެން ދާއިރުވެސް މި ވައުދު ފުއްދިފައެއް ނުވެ އެވެ.