ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ އިބްރާހީމް އަބްދުﷲ (ގައްބަރޭ) ދޫކޮށްލުމަށް ޒަރީރު ގޮވާލައްވައިފި އެވެ.
ގައްބަރޭ ހިމެނޭ ގޮތަށް ޒަރީރަށް ހަމަލާ ދިނީ މިދިޔަ މޭ މަހުގެ 1 ވަނަ ދުވަހުގެ ފަތިހު މާލޭގެ ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށެވެ. އެ ހާދިސާއާ ގުޅިގެން ލިބުނު އަނިޔާތަކަށް ޒަރީރު އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ވެސް ހޯދި އެވެ.
ގައްބަރޭ އަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ ރައީސެވެ.
ގައްބަރޭ އާއި އެކު ނަންގަވާފައިވާ ފޮޓޯއަކާ އެކު ޒަރީރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ގައްބަރޭ އަކީ އޭނާގެ ވަރަށް ގާތް އެކުވެރި ރަށްޓެއްސެއް ކަމަށެވެ. އެހެންވެ ޕޮލިސް ޓެގްކޮށް އޭނާ ވަނީ ގައްބަރޭ ދޫކޮށްލުމަށް ގޮވާލައްވައިފަ އެވެ.
"އަޅުގަނޑުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ގައްބެ މިނިވަންކޮށް ދެއްވާ. ގައްބެއަކީ އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެއް،" ޒަރީރު ވިދާޅުވި އެވެ.
ގައްބަރޭ އެންމެ ފުރަތަމަ ހައްޔަރުކޮށް ބަންދުގައި މަހެއްވަރު ބެހެއްޓުމަށްފަހު ޝަރުތުތަކަކާ އެކު ކްރިމިނަލް ކޯޓުން އޭނާ މިނިވަންކުރީ މިދިޔަ ޖުލައި 6 ވަނަ ދުވަހު އެވެ.
ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ އޮގަސްޓް މަހުގެ ދެވަނަ ހަފްތާ ތެރޭގައި ހައިކޯޓުން ވަނީ ގައްބަރޭ އާއި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އެހެން މީހުން ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިފަ އެވެ. އަދި އޭނާ ބަންދުކުރުމަށް ދައުލަތުން އެ މައްސަލަ ދަށު ކޯޓަށް ފަސް ދުވަހުގެ ތެރޭގައި ހުށަހަޅައިފި ނަމަ އޭނާ ބަންދުކުރުމާ މެދު ގޮތެއް ނިންމުމަށް ވެސް ހައިކޯޓުން އަމުރުކޮށްފައިވެ އެވެ.
ހައިކޯޓުން ދިން މުއްދަތުގެ ތެރޭގައި ގައްބަރޭ ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ އޮގަސްޓް 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ގައްބަރޭ ބަންދުކުރަން އޮގަސްޓް 19 ވަނަ ދުވަހު އަމުރުކޮށްފަ އެވެ. އެ ދުވަހުން ފެށިގެން ގައްބަރޭ ހުރީ ބަންދު ގަ އެވެ.
ގައްބަރޭ ބަންދުގައި ބަހައްޓާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެެއްޗެހި ގެންގުޅުން މަނާ ކުރާ ގާނޫނަށް ރިއާޔަތް ކުރުމަށް ފަހު އެވެ.