ޕެންޝަން ގާނޫނު އޮންނަ ގޮތުން ޕެންޝަން ފައިސާގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ރައްޔިތުންނަށް ނުކުރެވޭ ކަމަށާއި ޕީޕީއެމް/ ޕީއެންސީގެ ވެރިކަމެއްގައި ޕެންޝަން ގާނޫނަށް ބަދަލު ގެނެސް ތައުލީމަށާއި ގެދޮރު އިމާރާތް ކުރުމަށް ނެގޭ ގޮތް ހައްދަވައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭތް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕެއިނަށް އދ. އަދި އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މިހާރު ޕެންޝަން ގާނޫނު އޮތް ގޮތުން އޭގެ ބޭނުން ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތަށް ނުހިފޭ ކަމަށެވެ. އެހެންވީމާ ޕެންޝަން ގާނޫނަސް ބަދަލުތަކެއް ގެނެސްގެން ވެސް ރައްޔިތުންނަށް ޕެންޝަން ފައިސާ ފައިދާ ހުރިގޮތުގައި ބޭނުން ކުރެވޭނެ ގޮތެއް ހައްދަވައިދެއްވާނެ ކަމަށެވެ.

އެގޮތުން ގެދޮރު އިމާރާތް ކުރުމަށާއި ތައުލީމު ހާސިލް ކުރުމަށް އަދި ވިޔަފާރި ފަށަން ބެނުންވާ މީހުންނަށް ޕެންޝަން ފައިސާ އިން އެކަން ކުރެވޭނެ ގޮތް ޕެންޝަން ގާނޫނަށް އިސްލާހު ގެނެސްގެން ވެސް އެކަން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ގާނޫނަށް ބަދަލު ގެނެސްގެން ޕެންޝަން ފަންޑުން އަމިއްލަ ގެދޮރު ބިނާކުރުމަށްޓަކައި ފައިސާ ނެގޭނެ ގޮތް ހަމަޖެއްސުމާއި ދަރިން ކިޔަވަން ބޭރަށް ފޮނުވުމަށް ފައިސާ ބޭނުންކުރެވޭނެ ގޮތް ހެދުމަށް އަދި އަމިއްލަ ވިޔަފާރި ފެށުމަށް އެފައިސާ އުސޫލެއްގެ ތެރެއިން ނެގުމުގެ ފުރުސަތު ދިނުމަށް މިފަދަ ކަންކަމަށް ފަހިވާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ހުށަހަޅާނަން،" މުއިއްޒު ވިދާޅުވި އެވެ.

ޕެންޝަން ގާނޫނު މިހާރު އޮންނަ ގޮތުން ޕެންޝަން ފައިސާ ބޭނުން ކުރެވެނީ ގެދޮރު އިމާރާތް ކުރުމަށާއި ހައްޖުގެ އަޅުކަމަށެވެ.