ޕީޕީއެމް/ ޕީއެންސީގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކާއި ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ހުޅުމާލެ ރައްޔިތުންނާ ބައްދަލުކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކަކީ ރައީސް ޔާމިންގެ ޒައާމަތުގައި އެއްކޮށް ހުރިހާ މަސައްކަތެއް ނިންމާ ރައްޔިތުންނާ ހަވާލްކުރާ ގޮތަށް ޕްލޭންކޮށްފައި އޮތް ކަމެއް ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން އެތަންތަން ރައްޔިތުންނަށް ދިނީ ވަރަށް އިހާނެތިކޮށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އަގު ރައީސް ޔާމީންގެ ވެރިކަމުގައި ދޭން ނިންމާފައިވާ އަގަށް 5،600 ރުފިޔާ އަށް ކުލި ކުޑަކޮށްދެއްވާނެ ކަމަށެވެ. އެކަންކަން ކުރާނީ މި ސަރުކާރުން ކަންކަން ކުރާހެން ކަޑަ ޖަހާ އުސޫލުން ނޫން ކަމަށެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކަރުން އެންމެ ފުރަތަމަ މަސައްކަތްކުރީ ހިޔާ ފްލެޓްތައް ތަޅާލަން ކަމަށެވެ. އަދި އެތަންތަން ތަޅާ ނުލެވުނީމާ ހިޔާ ފްލެޓްތައް ހަވާލުކުރީ ވަރަށް އިހާނެތިކޮށް ގޮތަކަށް ކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި ފްލެޓްތަކުގެ އަގު ނިންމެވީ 5.600ރ. އަށް. މި ސަރުކާރުން އިންތިހާބަށް އަގު ކުޑަކުރާ ވާހަކައެއް ދެއްކި. އެކަންވެސް މިދިޔައީ ކަޑަ ޖަހާ އުސޫލުން. އަޅުގަނޑު މިދަންނަވަނީ ރައީސް ޔާމީން ނިންމަވާފައިވާ އަގަށް 5،600 ރުފިޔާ އަށް ކުލި ކުޑަކޮށްދޭނަމޭ،" މުއިއްޒު ވިދާޅުވި އެވެ.

ވެރިކަން ލިބިއްޖެނަމަ ހިޔާ ފްލެޓްތަކުގެ އިތުރުން ވިނަރެސް ފްލެޓްތަކުގެ އަގު ވެސް ކުޑަކޮށްދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އަޅުގަނޑުމެންގެ ކުރިމަތީ މިއޮތީ ގައުމީ މައްސަލައެއް ކަމަށާއި ގައުމުގެ މިނިވަންކަން ޔަގީން ކުރަން އަމިއްލަ ގައުމުގައި އަމިއްލަ ބަސްބުނުމުގެ ޔަގީންކަން ހޯދުމަށާއި ގެދޮރުވެރިކަމުގެ ޔަގީންކަން ހޯދަން އިގްތިސޯދު ކޮޅަށް ޖެހޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.