ސަލްމާން ޚާން ހޯސްޓްކުރާ ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 17 ގެ ފުރަތަމަ ޕްރޮމޯ ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

ކަލާޒް ޓީވީގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކުން ދޫކޮށްލާފައިވާ "ބިގް ބޮސް 17"ގެ ޕްރޮމޯއިން ފެނިގެންދަނީ ސަލްމާންގެ ތަފާތު ތިން ލުކެކެވެ.

މިފަހަރުގެ ސީޒަން އެހެން ފަހަރުތަކާއި ވަރަށް ތަފާތު ވެގެންދާނެ އެވެ. މިފަހަރުގެ ސީޒަންގައި ތިން މަރުހަލާއެއް އަންނާނެ ކަމަށްވެސް ބެލެވެ އެވެ.

"ބިގް ބޮސް 17" ފެށުމަށް ހަމަޖެހިފައިވާ ތާރީހެއް ރަސްމީކޮށް އަދި އިއުލާނު ކޮށްފައިނުވާއިރު އަންނަ މަހު ފެށިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "ބިގް ބޮސް" ސީޒަން 17 ގެ ތީމަކީ "ސިންގަލްސް ވާސަސް ކަޕްލްސް" އެވެ.

މިފަހަރުގެ ސީޒަންގައި ބައިވެރިވާނެ ކަމަށް ބެލެވޭ ފަންނާނުންގެ ތެރޭގައި އަންކިތާ ލޮޚާންޑޭ، ސަޗިން މީނާ، އަބިޝެކް މަލްހާން، އަދި ހަރްޝް ބެނިވާލް ފަދަ ބައެއް ފަންނާނުން ހިމެނެ އެވެ. އެހެން ނަމަވެސް މިއިން އެއްވެސް ފަންނާނަކު އަދި މިޝޯގައި ބައިވެރިވާނެ ކަމަށް ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

ކަލާޒް އިން "ބިގް ބޮސް 16" ކާމިޔާބުކުރީ މަޝްހޫރު ރެޕާ އެމްސީ ސްޓޭން އެވެ.

މިފަހަރުގެ ސީޒަން އަކީ ސަލްމާން ހޯސްޓްކުރާ 14 ވަނަ ސީޒަން އެވެ.ސަލްމާންގެ އިތުރުން ބިގްބޮސް ހޯސްޓްކޮށްފައިވަނީ އަމީތާބް ބައްޗަން، ޝިލްޕާ ޝެޓީ އަދި އަރުޝަދު ވާސީ އެވެ.

މިއަހަރު ސަލްމާން ވަނީ ބިގް ބޮސް އޯޓީޓީގެ ދެވަނަ ސީޒަން ވެސް ހޯސްޓްކޮށްފަ އެވެ. މި ޝޯގެ ފުރަތަމަ ސީޒަން ހޯސްޓްކޮށްފައިވަނީ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރެވެ. ބިގް ބޮސް އޯޓީޓީ 2 ގެ ޗެމްޕިއަންކަން ޔޫޓިއުބަރު އެލްވިޝް ޔާދާވް ހޯދިއިރު، ޓީވީ ރިއަލިޓީ ޝޯގެ ފުރަތަމަ އޯޓީޓީ ސީޒަން ކާމިޔާބުކުރީ ދިވްޔާ އަގްގަރްވާލް އެވެ.