މި ސަރުކާރުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް އެކުވެރި ބައެއް ގައުމުތަކުން މިހާރު ވެސް ފެހި ސިގްނަލް ލިބިފައިވާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބައެއް ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ހދ. ކުރިނބީ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ ދައުލަތުގެ ކަންކަން ކުރެވޭ ވަރަށް ދައުލަތަށް ފައިސާ ވަންނަމުން ދާ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ރަށަކީ ތަރައްގީގެ އެއްވެސް ކަމެއް ނުކޮށްދެވެނީ ސަރުކާރުން ގެންގުޅޭ އިގްތިސާދީ ސިޔާސަތުގެ ދޯހަޅި ކަމުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ދައުލަތަށް ފައިސާ ލިބުން ކަމުގައި ވިޔަސް ކަންކަން ނުކުރެވި ދަނީ އެ ފައިސާ މިސް މެނޭންޖް ކުރާތީ ކަމަށެވެ. މުއިއްޒު ވިދާޅުވީ ޕީޕީއެމް/ ޕީއެންސީގެ ވެރިކަމެއްގައި މުޅި އިގްތިސާދު ނަގާ ކޮޅަށް ޖަހާނެ ކަމަށެވެ.

"ހަގީގަތުގައި ވެސް އެބަވަދޭ ފައިސާ. އެކަމަކު ވެސް މިސް މެނޭޖް ކުރަނީ މިސަރުކާރުން. މާނަ އަކީ ކުރަން ނުޖެހޭ ކަންކަން ކުރަނީ. ކުރަން އިސްކަން ދޭންވާ ކަންކަން ކުރުމަށް އިސްކަން ނުދެވެނީ. ފައިސާ ޗާޕު ވެސް ކުރަނީ. މުސާރަ ދިނުމަށް ލޯނު ނަގަނީ. އިގްތިސާދީ އަސާސްތައް މިވަނީ އެފުށް މިފުށަށް ޖެހިފައި. އެހެންވެ ރަށްރަށުގެ ކަންކަން ކުރިއަށް ނުދަނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ފައިސާ ޗާޕު ކުރުން ނިމުމަކަށް ގެނެސް އިގްތިސާދު ހަމައަކަށް އަޅުވާނެ ކަމަށެވެ. އަދި ސަރުކާރުން ނަގާފައިވާ ލޯނުތައް ވެސް ދައްކާނެ ކަމަށާއި އެ ލޯނުތައް ދެއްކޭނެ މަގު ފަހިވެފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރުން ނަގާފައިވާ ލޯނުތައް ދެއްކުމަށް މިހާރު ވެސް ބައެއް އެކުވެރި ގައުމުތަކުން ފެހި ސިގްނަލް ދީފައިވާ ކަމަށެވެ.

ހދ. ނެއްލައިދޫގައި މިއަދު ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން: ފޮޓޯ: ޕީޕީއެމް

"ދައްކަން ހުރި ލޯނުތަކަށް ފައިސާ ހޯދޭނެ ގޮތް އަޅުގަނޑުމެންނަށް އެބަހުރި ފަހިވެފައި. މިހާރު ވެސް އަޅުގަނޑުމެންނަށް ބައެއް ގާތް ރަހުމަތްތެރި ދިމަދިމާލުން އެބަހުރި ފެހި ސިގްނަލް ލިބިފައި. މިހުރި ބޮޑެތި ލޯނުތައް ރީފައިނޭންސް ކުރެވޭނެ ގޮތްގޮތް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރާއްޖެ ތަރައްގީ ކުރާނީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ކަމަށެވެ. އަދި ރާއްޖެ ތަރައްގީ ކުރުމުގައި ކުރީގެ ރައީސް ޔާމީން ގެންގުޅުއްވި ސިޔާސަތުތަކަށް އިސްކަން ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.