މަސައްކަތްތެރިންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި މިރޭ ހދ. ނޮޅިވަރަމްފަރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ޕީޕީއެމް/ ޕީއެންސީގެ ވެރިކަމެއްގައި މަސައްކަތްތެރިންގެ މުސާރަ އާށް ހެޔޮ ބަދަލުތަކެއް ގެނެސް ދެއްވާނެ ކަމަށެވެ. އެކަމުގެ މާބޮޑު ތަފްސީލެއް ނުދެއްވާ މުއިއްޒު ވިދާޅުވީ ތަފްސީލު ފަހުން ދެއްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އޭނާ ކެމްޕެއިން ތަކުގައި ދައްކަވާ ވާހަކަ ވަރަށް ބޮޑަށް އޮޅުވާލަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. މިސަރުކާރުން ހުށަހަޅާފައިވާ އެއްވެސް ކަމެއް ބަދަލެއް ނުކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ މިސަރުކާރުން ރަށްރަށުގައި އުޅޭ އާންމުންނަށް ދީފައިވާ ވަޒީފާތައް ޕީޕީއެމް/ ޕީއެންސީގެ ވެރިކަމެއްގައި އަތުނުލާނެ ކަމަށެވެ. ސިޔާސީ ވަޒީފާއެއް ނޫން ވެއްޖެއްޔާ އެމީހަކު ހުންނާނީ ރަށުގައި އެމީހަކު ހުރި ވަޒީފާއެއްގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އިގްތިސޯދު ރަނގަޅު ވާވަރަކުން ހުރިހާ މަސައްކަތްތެރިންގެ މުސާރައަށް މިހާރަށްވުރެ މާ ބޮޑުތަނުން ހެޔޮ ބަދަލު ގެނެސްދެއްވާނެ ކަމަށެވެ.
"އާމްދަނީ އިތުރުވާ ވަރަކުން މިހާރަށްވުރެވެސް ރަނގަޅަށް މުސާރަ ދީގެން އަޅުގަނޑުމެން ކުރިއަށް ގެންދާނީ. ދެން ވަޒީފާ ބޭނުންވާ ފަރާތްތަކަށްވެސް ފުރުސަތު ދެނީ އަޅުގަނޑުމެންގެ ވިސްނުމުގަ މިއޮތީ ވަޒީފާއަށްވުރެ ބޮޑަށް އަމިއްލަ ފައި މައްޗަށް ތެދުވުމުގެ ފުރުސަތު ހޯދައިދިނުން،" މުއިއްޒު ވިދާޅުވި އެވެ.
މައިގަނޑޫ އަމާޒަކީ ހުރިހާ މަސައްކަތްތެރިން ގައުމު ކުރިއެރުވުމުގައި އެމީހުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުންކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ މުވައްޒަފުންގެ އަގުވަޒަންކޮށް އެކަމަށްޓަކާ ކޮށްދޭންޖެހޭ ކުރިއެރުމުގެ ކަންތައް ސަރުކާރުން ކޮށްދެއްވާނެ ކަމަށެވެ.