ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ބައްދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރަސްމީކޮށް ހޯމް މިނިސްޓްރީގައި ހުއްދައަށް އެދިވަޑައިގެންފި އެވެ.

ރައީސް ޔާމީންއާ ބައްދަލުކުރެއްވުގެ ހުއްދައަށް ނަޝީދު އެދިވަޑައިގެންފައި ވަނީ މަޖިލީހުގެ އިދާރާ މެދުވެރިކޮށެވެ. ރައީސް ޔާމީންއާ ބައްދަލުކުރެއްވުމަށް ރައީސް ނަޝީދަށް ހުއްދަދިނުމާ މެދު ހޯމް މިނިސްޓްރީން އަދި ޖަވާބެއް ނުދެ އެވެ.

ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން މިއަދު ރައީސް ޔާމީންއާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފް މީގެ ކުރިން ވިދާޅުވީ ދެވަނަ ބުރުގައި ކޯލިޝަން ހެދުމުގެ މަޝްވަރާގައި ޑިމޮކްރެޓްސް އިން އެމްޑީޕީ އާއި ޕީޕީއެމްއަށް ވެސް ހުށަހެޅީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ކުރި މަޝްވަރާތަކުގައި ދަ ޑިމޮކްރެޓްސް އިން ހުށަހެޅީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށެވެ. އެކަމަކު ޕީޕީއެމް އިން އެކަމަށް އެއްބަސްވެ އެގްރިމަންޓެއްގައި ސޮއިކުރުމަށް ވަނީ ދެކޮޅު ހަދައިފަ އެވެ. އެހެންވެ ޑިމޮކްރެޓްސް އިން ކުރަމުން އައި މަޝްވަރާތައް ވަނީ ހުއްޓަލައިފަ އެވެ. މިހާރު މަޝްވަރާ ކުރަމުން ދަނީ ހަމަ އެކަނި އެމްޑީޕީއާ އެކު ކަމަށް ހަސަން ލަތީފްވަނީ ވިދާޅުވެފަ އެވެ.

ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ގަރާރެއް ހުށަހަޅައިފަ އެވެ. އެގަރާރު ހުށަހެޅުއްވީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. އެ ގަރާރުގައި ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް މި މަހުގެ 25 ވަނަ ދުވަހު ނެގުމަށެވެ.