ރީ-ރަޖިސްޓްރޭޝަންއަށް ގިނަ ބަޔަކު ހުށަހަޅާފައިވުމަކީ ކަންބޮޑުވުމެއް ނޫން ކަމަށް ބުނެ އެމްޑީޕީން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ އަށް ރައްދު ދީފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީ ކުރަން ހުޅުވާލުމުން ސަރުކާރުން އޮޅުވާލައިގެން ވަގު ފޯމުތަކެއް ހުށަހަޅާފައިވާ ކަމަށް ބުނެ މިހާރު ހުށަހަޅާފައިވާ ފޯމްތައް ބާތިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ވަނީ ގޮވާލައިފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާތަން ބަދަލުކުރުމަށް ހުޅުވާލި ފުރުސަތު މިއަދު ހަމަވާއިރު މިހާތަނަށް 25،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފަ އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް މިއަދު ހދ. ނޭކުރެންދޫ އަށް ވަޑައިގެން އެރަށުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމް ކޯލިޝަން މި ވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ސަރުކާރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ވަގަށް ނަގަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ރީ-ރަޖިސްޓްރީ ކުރަން ހުޅުވާލުމުން ދެ ދުވަސް ތެރޭގައި 25،000 ފޯމު ހުށަހެޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ސައްހަ ފޯމުތަކެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މި ސަރުކާރުން ދެވަނަ ބުރުގެ ވޯޓު އޮޅުވާލަން މަސައްކަތް ކުރަމުމްގެންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމްޑީޕީގެ ތަރުޖަމާން، އަނަސް އަބްދުއްސައްތާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވީހާ ވެސް ގިނަ ރައްޔިތުން ވޯޓުލުމުގެ ހައްގު ބޭނުން ހިފަން އުޅުމަކީ، އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ.

އެކަމަށް ދޭން ޖެހޭނީ ހިތްވަރު ކަމަށް އަނަސް ވިދާޅުވި އެވެ. އަދި ވޯޓުލުމުގެ ހައްގު ގިނަ ބަޔަކު ބޭނުން ކުރާތީ އުފާ ކުރަންޖެހޭ ކަމަށް އަނަސް ވިދާޅުވި އެވެ.