ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިންގަޕޫރުގައި ސިއްހީ ފަރުވާ ހޯދުމަށް ދީފައިވާ މުއްދަތު ތިން ވަނަ ފަހަރަށް އިތުރު ކޮށްދިނުމަށް އެދިއްޖެ އެވެ.

އަދީބު ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގެންނެވީ ޖުލައި 12 ވަނަ ދުވަހު އެވެ. އަދީބު ބޭސްފަރުވާ އަށް ފުރާވަޑައިގެންނެވީ ރާއްޖެ އިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ކުރިން ބުނެފަ އެވެ.

ރާއްޖޭން ބޭރުގައި ބޭސްފަރުވާގެ ބޭނުމަށް ހުންނެވުމަށް މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އަދީބަށް ދީފައިވާ މުއްދަތު މިހާރު ހަމަވެފައިވާއިރު، މި މުއްދަތު އިތުރުކޮށްދޭން އަދީބުގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާ ކަމަށް ކަރެކްޝަންސް އިން މައުލޫމާތު ދެ އެވެ. މިއީ މި މުއްދަތު އިތުރުކޮށްދިނުމަށް އެދި އަދީބުގެ ފަރާތްޕުޅުން އެދިވަޑައިގަތް ތިންވަނަ ފަހަރެވެ. އަދީބުގެ ބޭސް ފަރުވާއަށް ކަރެކްޝަނަލް ސާވިސް އިން ފުރަތަމަ ދިފައި ވަނީ 10 ދުވަހެވެ. އޭގެ ފަހުން މުއްދަތު އިތުރުކޮށްދިނުމަށް އޭނާ އެދިވަޑައިގަތުމުން އެ ފަހަރު އެ މުއްދަތު މަސް ދުވަހަށް އޮތީ އިތުރުކޮށްދީފަ އެވެ. އަދި އެ މުއްދަތު ހަމަވުމުން އަނެއްކާވެސް އިތުރު 18 ދުވަސް ވަނީ އިތުރުކޮށްދީފަ އެވެ.

އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އިން ބުނި ގޮތުގައި އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރުންގެ ލަފާގެ މަތިން، ފުރާނަ އަށް ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯދުމަށެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާ، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާގެ ހުކުމެއް އަދީބުގެ މައްޗަށް އިއްވާފައި ވަނީ 2020 ވަނަ އަހަރު އެވެ. އެހެން ނަމަވެސް ދައުލަތާ އެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބު ހުންނަވަނީ ގޭބަންދުގަ އެވެ.