ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ކުރީގެ ރައީސް ޔާމީންއާ ބައްދަލުކުރެއްވުމަށް އެދިވަޑައިގަތުމުން ރައީސް މުހައްމަދު ނަޝީދުއާ ބައްދަލުކުރައްވަން ޔާމީން ބޭނުން ނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް އަންގައިފި އެވެ

ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ކުރީގެ ރައީސް ޔާމީންއާ ބައްދަލުކުރެއްވުމަށް ރައީސް ނަޝީދު މިއަދު ވަނީ ރަސްމީކޮށް ހޯމް މިނިސްޓްރީގައި ހުއްދައަށް އެދިވަޑައިގެންފަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ރައީސް ނަޝީދުއާ ބައްދަލު ކުރަން ބޭނުން ނުވާ ކަމަށް ރައީސް ޔާމީން އަންގަވާފައިވާ ކަމަށެވެ.

ރައީސް ޔާމީންއާ ބައްދަލުކުރެއްވުގެ ހުއްދައަށް ނަޝީދު އެދިވަޑައިގެންފައި ވަނީ މަޖިލީހުގެ އިދާރާ މެދުވެރިކޮށެވެ. ރައީސް ޔާމީންއާ ބައްދަލުކުރެއްވުމަށް ރައީސް ނަޝީދަށް ހުއްދަދިނުމާ މެދު ހޯމް މިނިސްޓްރީން އަދި ޖަވާބެއް ނުދެ އެވެ.

ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން މިއަދު ރައީސް ޔާމީންއާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފް މީގެ ކުރިން ވިދާޅުވީ ދެވަނަ ބުރުގައި ކޯލިޝަން ހެދުމުގެ މަޝްވަރާގައި ޑިމޮކްރެޓްސް އިން އެމްޑީޕީ އާއި ޕީޕީއެމްއަށް ވެސް ހުށަހެޅީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ކަމަށެވެ.